Wednesday, June 3, 2009

Mohamed Didi


ސ.މީދޫ ދެށެނާގެ މަހުދިއްޔާ އާއި ޙަސަންބެޔާގެ ޢަބްﷲ ޒުބައިރު އަށް ލިބިފައިވާ ހަމައެކަނި ފިރިހެން ކުއްޖަކީ މުޙައްމަދު ދީދީ އެވެ. މަޙުދިއްޔާއާއި ޢަބްދުﷲ ޒުބައިރުގެ ކައިވެނި ގިނަދުވަސްތަކެއްނުވެ ރޫޅުމާޢި ގުޅިގެން މުޙައްމަދު ދީދީ ބެލީ އޭނާގެ މާމަ ދެށެނާގެ ދޮންދީދީއެވެ. މުހައްމަދު ދީދީ ޢުމުރުން 4 އަހަރުގައި އަލިފުބާ ދަސްކުރުމަށްޓަކާ އަލްފާޞިލް މުޙައްމަދު ނަޖީބުގެ އަރިހަށް ފޮނުވުނެވެ. އަދި ޢުމުރުން 9 އަހަރުގައި ހުޅުދޫ އެޅެހިށިގޭ ޢަބްދުލް މުޙްސިން ހިންގެވި މަދްރަސަތުލް ނަޞްރިއްޔާއަށް ފޮނުވިއެވެ. ހުޅުދޫގައި ޢަބްދުލް މުޙްސިން ހިންގެވި މަދްރަސާއިން ހިސާބު، ދިވެހި އިނގިރޭސި އަކުރު ދަސްކުރިއެވެ. 4 އެޕްރީލް 1972 ގައި މުޙައްމަދު ދީދީ ކިޔެވުމަށްޓަކާ "ޗިލްކާބޯޓުން" މާލެ ފޮނުވުނެވެ. އެންމެ ފުރަތަމަ ދިޔައީ މ. ސްނޯ ފްލެކްސްގައި ހިންގި މަދްރަސަތުއް ނޫރައިން ނަމަކަށް ކިޔާ މަދްރަސާއަކަށެވެ. އެމަދްރަސާގެ 1 ވަނަ ކްލާހުގައި 8 މަސްވުމަށްފަހު އިންގްލޝް ޕްރެޕް ސްކޫލްއަށް ވަނެވެ. އީ.ޕީ.އެސް.އިން ވަދެވުނު ކްލާހަކީ ޔޫ.ކޭ.ޖީ އެވެ. އީޕީއެސްގައި 10 އަހަރު ކިޔެވުމުގައި ހޭދަކުރިއެވެ. އެދުވަސްވަރު ސްކޫލްގެ ދަރިވަރުންގެ ޖަމްޢިއްޔާގަޔާއި ހައުސްތަކުގައި އިސްދައުރެއްވަނީ އަދާކޮށްފައެވެ. އީ.ޕީ.އެސް. އިން ޖީ.ސީ.އީ އޯލެވެލް އިމްތިޙާން ހެދުމަށްފަހު ސްކޫލް ދައުރު ނިންމާލުމަށްފަހު އާމްދަނީ ހޯދުމުގެ މަސައްކަތް ފެށިއެވެ.

އެންމެ ފުރަތަމަ ވަޒީފާއަކަށް ދިޔައީ ސްވިޑްންގެ އޯޝަން ސްޕޯރޓްސް އިން ހޮޓެލް އެލިއާ ހިންގިއިރު އެހޮޓެލްގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަށެވެ. މީގެ އިތުރުން ކުޑަދުވަސްކޮޅަކު ކުރުނބާ ވިލެޖް ރިސޯޓްގެ ބާރގެ އައުޓްލެޓެއްގެ ބިލިންކްލާކްކަންވެސް ކޮށްފައިވެއެވެ. ރާއްޖެއިން ބޭރުގެ ވަޒީފާއެއްވެސް އަދާކޮށްފައިވެއެވެ. އެއީ 18 މަސްދުވަސްވަންދެން ރާއްޖެއިން ބޭރަށްދަތުރުކުރާ (ގުޑްފެއިތް ޝިޕިންގ ކޮމްޕެނީގެ) ބޯޓެއްގެ ވަޒީފާގައި އުޅުމެވެ.

ބޯޓް ދަތުރުކުރުން ހުއްޓާލުމަށްފަހު 1986 ގައި މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ޕްރައިމަރީ ޓީޗިން އިންގްލިޝް މީޑިއަމްގެ ސެޓްފިކެޓް ކޯހެއް ފުރިހަމަކުރިއެވެ. ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އިސްކަންދަރު ސްކޫލްއިން ލިބުނީ 1987 ފެބްރުއަރީ މަހު 7 ގައެވެ. އިސްކަންދަރު ސްކޫލް ޓީޗަރަކަށް ދެއަހަރު ދުވަހު އުޅުމަށްފަހު ސިންގަޕޫރުގައި 1 އަހަރުދުވަހުގެ ކޯހެއް ފުރިހަމަކޮށްފައިވެއެވެ. ސިންގަޕޫރުން ސެޓްފިކެޓް އޮފް އެޑިޔުކޭޝަން ކޯސް ފުރިހަމަކޮށްފައިވަނީ 1 ޖޫން 1989 ން 25 މެއި 1990 އަށެވެ.

ސިންގަޕޫރުން ކޯސްފުރިހަމަކުރުމަށްފަހު ރާއްޖެއައުމުން ތާޢްޖުއްދީން ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާދެއްވިއެވެ. އެސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާދިނުމުގައި ދެއަހަރެއްހާދުވަސްވިތަނާ ސެކެންޑަރީ ޓީޗިންގ ހެދުމުގެ ފުރުޞަތު ލިބުނެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިޔާގައި 3 އަހަރުދުވަހުގެ ބެޗެލަރ ޑިގްރީ ކޯހެއް ފުރިހަމަކުކޮށްފައިވެއެވެ. މައިގަނދި މާއްދާއަކަށް ކިޔެވީ ދުނިޔޭގެ ތޢރީޚާއި ޖޯގްރަފީއެވެ. ބެޗެލަރ ޑިގްރީ 1992 ން 1994 ށް ފުރިހަމަކުރުމަށްފަހު ވިދިގެންއައި 1995 ވަނައަހަރު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިޔާގައި ގްރެޖްއޭޓް ޑިޕޮލޮމާއިން ސެކެންޑަރީ ޓީޗިންގ ކޯހެއްވެސް ވަނީ ފުރިހަމަކޮށްފައެވެ. ކިޔެވުމަށްޓަކާ 4 އަހަރު އޮސްޓްރޭލިޔާގައި އުޅުމަށްފަހު ކިޔެވުން ފުރިހަމަކޮށްފާ ރާއްޖެއައުމުން ވަޒީފާ ދެއްވީ ސ.ހިތަދޫގައި އޭރު ހުރި ސަދަން ސެކެންޑަރީ ސްކޫލް (މިހާރު މުހިއްބުއްދީން ސްކޫލް) ގެ ހިސްޓްރީ ޓީޗަރުކަމެވެ. 16 މާރޗް 1997 ގައި މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޓީޗަރ އެޑިޔުކޭޓަރެއްގެ ވަޒީފާ ލިބުނެވެ. އަދި ދެއަހަރެއްހާ ދުވަހު މުދައްރިސުންނަށް ކިޔަވާދިނުމަށް އުޅުމަށްފަހު ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑް ގެ ފަރާތުން ލިބުނު މާސްޓަރ ޑިގްރީ ޕްރޮގްރާމެއް ފިލިޕީންސްގެ ޔުނިވަރސިޓީ އޮފް ދަ ފިލިޕީންގައި ވަނީ ފުރިހަމަކޮށްފައެވެ.

މާސްޓަރ ޑިގްރީ ފުރިހަމަކޮށްގެން އައުމުން ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ލެކްޗަރަރ ކަމުގެ މަޤާމު ލިބުނެވެ. މިޑްލްސްކޫލް ޓީޗަރުންނަށާއި ދިވެހިބަހުގެ ޑިގްރީ ޕްރޮގްރާމަށް ކިޔަވާދިނުމުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ކިޔަވާދިނުމުގައި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލެޕްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓަރ އަކަށް ބަދަލުވިއެވެ.

މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލެޕްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓަރއެއްގެ މަޤާމުގައި ހުރެގެން ބ. އަތޮޅު އޮފީސް ވަނީ ހިންގާފައިވެއެވެ. 10 ނޮވެމްބަރ 2005 ގައި ހދ.އަތޮޅުވެރިކަން ދެއްވިއެވެ. 2 އަހަރާއި 10 މަސް ދުވަހު ހދ. އަތޮޅުވެރިކަމުގައި ހުރުމަށްފަހު އެމަޤާމުން ވަނީ އިސްތިޢުފާ ދީފައެވެ.

2008 ވަނައަހަރުގެ ސެޕްޓެމްބަރ މަހު މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީ ކަން ލިބުނެވެ. އަދި 2008 ނޮވެމަބރ 11 ގައި ރާއްޖޭގެ ވެރިކަން ބަދަލުވުމާއި ގުޅިގެން އަލަށްއުފެއްދެވި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީއެއްގެ މަޤާމަށް ބަދަލުކުރެއްވިއެވެ.

އަލްފާޞިލް މުޙައްމަދު ދީދީ އަކީ ދިވެހި ތާރީޚާޢި ބޭރުގެ ތާރީޚީ ޢިލްމަށް އަރާހުންނެވި ކިޔަވާކުދިންގެ މަޤުބޫލްކަން ލިބިފައިވާ ޓީޗަރެކެވެ. މީގެ އިތުން އިދާރީހިންގުމުގައި ހދ. އަތޮޅު ރައްޔިތުންގެ މަޤްބޫލްކަން ހޯއްދަވާފައިވާ ހިންގުންތެރި ވެރިޔެކެވެ.

No comments:

Post a Comment