Wednesday, October 21, 2009

Abdulla Zameer


ސ.މީދޫ ފެންނާގެ ޢަބްދުﷲ ޒަމީރު އުފަންވީ 1 އޯގަސްޓް 1958 ގައެވެ. ބައްޕަ އަކީ   މުޙައްމަދު ނަސީމެވެ. މަންމައަކީ އަލްޤާޒީ އިބްރާހީމް މަޖުދުއްދީނުގެ ޢަހްމަދު މަނިކުގެ މުޙައްމަދު ފެންނާ މަނިކުފާނުގެ ފާޠުމަތު ޠާހިރާ އެވެ. ބަފައި ފުށުގެ އާއިލާއާއި މައިފުށުގެ އާއިލާ އިން އަލްޤާޒީ އިބްރާހީމް މަޖުދުއްދީނާއި ގުޅިފައިވެއެވެ.

ސ.މީދޫ މަދަރުސަތުލް ހިދާޔާގެ ތިންވަނަ ކްލާހުގެ ކިޔެވުން ނިންމުމަށް ފަހު ތަޢުލީމީގޮތުން އިތުރު ހަރުފަތްތަކެއް ގިރާކުރުވުމުގެ މަގުސަދުގައި ޒަމީރުގެ ބައްޕަ އޭނާ މާލެ ފޮނުވިއެވެ. ޘާނަވީ ތަޢުލީމް ޙާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. މަތީ ޘާނަވީ ފުރިހަމަކުރީ ސައެންސް އެޑިއުކޭޝަން ސެންޓަރުންނެވެ.

ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލް ކުރުމުގެ ފުރުސަތު ސަރުކާރުން ދެއްވުމާއި ގުޅިގެން ޒަމީރު ކިޔެވުމަށްޓަކައި ވަޑައިގަތީ ބެއިރޫތަށެވެ. އެމެރިކަން ޔުނިވާރސިޓީ އޮފް ބެއިރޫތުން ތަޢުލީމް ޙާސިލް ކުރުމަށްފަހު މެނޭޖްމެންޓް ދާއިރާއިން ޒަމީރު ވަނީ ޑިގްރީ ނަންގަވާފައެވެ. ޒަމީރު ވިދާޅުވާގޮތުން އިޒްރޭލްގެ ހަގުރާމައިގެ ސަބަބުން ބެއިރޫތުގައި ވަރަށް ބިރުވެރި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ.

ޒަމީރު އެންމެފަހުން އަދާކުރެއްވެވި ވަޒީފާ އަކީ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާއެވެ. ޒަމީރު ވަނީ ތަޢުލީމީރޮގުންނާއި އިދާރީ ރޮގުން ފެކަލްޓީއަށް ގިނަގުނަ ޚިދުމަތް ތަކެއް ކޮށް ދެއްވާފައެވެ. މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގަޔާއި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ
އާއި އައްޑޫ ޑިވެލޮޕްމެންޓް އޮތޯރިޓީގައި ޒަމީރު މަސައްކަތްކުރެއްވެވިއެވެ.

ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު އެކު ލަވާލުމުގައި ޒަމީރުގެ ވަރަށް ބޮޑު ހިއްސާއެއް ހިމެނިފައިވެއެވެ. މީގެ އިތުރަށް ކަތީބުން ތަމްރީނުކުރުމުގެ މޮޑިއުލް އެކުލަވާ ލައްވާ މުގައްރަރު ހެދުމުގެ މައިގަޑު މަސައްކަތް ކުރެއްވީ ޒަމީރެވެ. މެނޭޖްމެންޓާއި ބެހޭ ވަރަށްގިނަ ކަރުދާސްތަކެއް ޒަމީރު ތައްޔާރުކުރެއްވެވިއެވެ. " ހަވާލާ ދިނުމަށް މަގެއް " މިނަމުގައި ކޮލެޖްގެ ދަރިވަރުންނަށް ޓަކައި ފޮތެއް އެކުލަވާލެއްވެވިއެވެ. އޮފީސްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން އިތުރަށް ހޭލުން ތެރިކުރުމުގެ މަގުސަދުގައި ހިންގުމުގެ ދާއިރާއާއި ބެހޭ ސިލްސިލާ ލިޔުންތަކެއް ފުރަދާނަ މަޖައްލާގައި ޒަމީރު ލިޔުއްވަމުން ގެންދެވިއެވެ.

ރާއްޖޭގައި ތިއްބެވި މުވައްރިޚުންގެ ތެރެއިން ޒަމީރަކީ ފުންނާބު އުސް މުވައްރިޚެކެވެ. ތާރީޚް ދިރާސާކުރެއްވުމުގެ އިތުރަށް ތާރީޚާއި ބެހޭ ގިނަގުނަ ލިޔުންތަކެއް ލިޔުއްވާ އެކިއެކި މަޖައްލާތަކުގައި ޝާއިއު ކުރެއްވެވިއެވެ. ޒަމީރަކީ ވަރަށް ގިނަ ވަގުތުތަކެއް ދިރާސާކުރުމުގައި ހޭދަކުރައްވާ ބޭފުޅެކެވެ.

ޒަމީރު އަވަހާރަވީ 26 ސެޕްޓެމްބަރ 2009 ( 7 ޝައްވާލު 1430 ) ގެ ފަތިހު 3:30 އެހާކަށްހާއިރު ކުއްލިގޮތަކަށް ހިތްހުއްޓިގެންނެވެ. އަވަހާރަވީއިރު އަނބިކަބަލަކާއި ހައަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވިއެވެ.

Saturday, August 29, 2009

Khalid Mohamed

ޚާލިދު މުޙައްމަދު ( ހަޒާރީ ވިލާ ) އުފަންވީ 2 ނޮވެމްބަރ 1942 ގައެވެ. ބައްޕައަކީ މުޙައްމަދު މޫސާއެވެ.މަންމަ އަކީ ޢާއިޝަތު އެވެ.

ދިރި އުޅުމަށް ޓަކައި ކުރާ މަސައްކަތަކީ އިލެކްޓްރިކް މަސައްކަތެވެ. 15 އޭޕްރީލް 1965 ން 22 ޖެނުއަރީ ނަވާރަ ސަތޭކަ ހަތްދިހަ ހަޔަކަށް ހާރ ބްރިޓެނިކް މެޖެސްޓީސް ޕީއެސްއޭ/ޑީއޯއީ ރޯޔަލް އެއަރ ފޯރސް ގޭން ގެ އިލެކްޓްރީޝަންގެ ވަޒީފާ އަދާކުރިއެވެ 31 މާރޗް 1976 ގައި އިގިރޭސިން ގަމުން ފޭބުމަށް ހަމަޖެހިފައި ވާތީ ނޯޓިސްދީ 22 ޖެނުއަރީ 1976 ގައި ވަޒީފާ އިން ވަކިކުރެވުނެވެ


ޖޭ.އެސް.އެމް/އެސް.ޓީ.އޯ ( މޯލްޑިވްސް ) ލިމިޓެޑް ގެ ފަރާތުން އައްޑު އަތޮޅުގަމުގައި ހިންގި ގާރމެންޓް ފެކްޓްރީގެ އިލެކްޓްރިކަލް ސްޕަވައިޒަރުގެ މަޤާމް 8 ނޮވެމްބަރ 1981 ން 1 މެއި 1987 ށް އަދާކުރިއެވެ. ވުވެން ޑިވިޝަނާއި ނިޓިން ޑިވިޝަނުގެ އިލެކްޓްރިކާއި ބެހޭ އޯވަރޯލް އިންޗާޖަކީ ޚާލިދެވެ
ގާރމެންޓް ފެކްޓްރީގެ ވަޒީފާ އަށް ފަހު ޚާލިދު މަސައްކަތް ކުރީ ސ.ގަމުގެ އޯޝަން ރީފްގެ އިލެކްޓްރީޝަނެއްގެ ވަޒީފާއެވެ . އޯޝަން ރީފްގެ ވަޒީފާއިން ވަކިވީ ހުޅުދޫ މީދޫ އިންޖީނުގޭގެ ވަޒީފާ އަށް ވަނުމަށްޓަކައެވެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ސ.ހުޅުދޫ މީދޫ އިންޖީނުގޭގެ ވަޒީފާ އަދާ ކުރަން ފެށީ 1998 ގައެވެ
އިންޖީނުގޭގައި މަސައްކަތްކުރުމުގެ އިތުރަށް ގޯތިތެރޭގައި ތަރުކާރި ހެއްދުމާއި އޮޅު އަލަ އިންދުމުގެ މަސައްކަތް
ކުރަމުން ދެއެވެ. އަދި ޚާލިދަށް ވަގުތު ލިބޭ ވަރަކުން ހައުސް ވައިރިން ކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ