މުޙައްމަދު ނަޖީބު ( މުދިމް ދީދީ ) އުފަންވީ 29 ޝައްވާލް
1340 ގައެވެ ބައްޕަ އަކީ ގަޑުވަރު އަޙްމަދު ދީދިގެ
ޢަލި ދީދީ ގެ އިބްރާހީމް ދީދީ އެވެ މަންމަ އަކީ ގަޑުވަރު
މުޙައްމަދު ތައްޚާނުގެ އެޅަމަނިކުފާނުންގެ ކައްދާ މަނިކެވެ
ތަޢުލީމް ޙާސިލް ކުރީ އައިސާދަރު އަހްމަދު ދީދީ،
ދޮންމަނިކުގެ ޢަލި ދީދީ، ޝެއިޚް ހުސެން ރަހާ އަރިހުންނެވެ
ދިރި އުޅުމަށްޓަކައި ކުޑަ ދުވަސް ކޮޅަކު މަސްވެރިކަމާއި
ދަނޑުވެރިކަން ކުރެއްވެވި އެވެ. ޢުމުރުގެ ބޮޑުބައި ހޭދަކޮށްފައި ވަނީ
މިސްކިތު މުދިންކަމާއި ކުދީންނަށް އަކުރު އުގަންނައި
ދިނުމާއި ގުރުއާން އާއި ދީނިއްޔާތު ކިޔަވައި ދިނުމާއި ނަމާދު ކުރަން ދަސްކޮށް
ދިނުމުގެ މަސައްކަތުގައެވެ
ފުރަތަމަ ކިޔަވައި ދޭން ފެށީ އައިސާދަރު އަޙްމަދު ދީދީ
ބޮޑެތި މީހުންނަށް ކިޔަވައި ދެއްވަން ހިންގެވި ކްލާހެއް ގައެވެ
އެ ކްލާހުގައި އަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށް ދިނުމުގެ
އިތުރަށް ނަމާދުގައި ކިޔަވާ ތަކެތި ދަސްކޮށް ދީފައި ވެއެވެ
ހިކިމަހާއި ކޮޕްރާގެ ވިޔަފާރީގައި 3 ފަހަރު އޮޑި
ފަހަރުގައި ސިލޯނަށް ދަތުރުކޮށްފައިވެއެވެ އޮޑި ފަހަރުން ދަތުރުކުރުމުގައި ދިމާވި
އެންމެ ހިތާމަވެރި ޙާދިޘާ އަކީ ކަޅިހާރު އޮޑީގައި މާލެއިން ފުރައިގެން އައްޑުއަށް
އައި މަގުމަތީ ހުވަދޫ ކަނޑު ތެރެއިން ގަދަ ވިއްސާރައިގާ އޮޑި ބެހި 6 ދުވަސް ވަން
ދެން އެއްވެސް ތަނެއްދޮރެއް ނުފެނި
ހާލުގައި ޖެހުމެވެ 7 ވަނަ އަށްވީ ދުވަހު ސިލޯން ފެނި ހަމަ
އެދުވަހު ގާލީކޯރުގައި އޮޑި ބަނދަރުކުރެވުނެވެ މިފަހަރު ސިލޯނުގައި ނުވަ މަސް ދުވަސް
ހޭދަކުރަން ޖެހުނެވެ
އަތިރަގޭ ޢަލިމަނިކުފާނު ( ސ.މީދޫ ގުލްފާމްގޭ ޢަލީ
އަންވަރު ) އޮޑި ސިލޯނަށް ގޮސް ރާއްޖެ އައި މަގުމަތީގައި މާލެ ނުޖައްސާ އައްޑުއަށް
ދާން އުޅުނު ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ވަކި މުއްދަތެއް ނެތި
ރަށްރަށަށް ފޮނުވާލި މީހުންގެ ތެރޭގައި މުޙައްމަދު ނަޖީބު ވެސް ހިމެނުނެވެ
މުޙައްމަދު ނަޖީބު ފޮނުވާލީ ރ.އަތޮޅު މީދޫ އަށެވެ މިރަށުގައި
ސޯޅަ މަސް ހޭދަކުރަން ޖެހުނެވެ މިރަށުގައި ހުރި ދުވަސް
ތަކުގެ ތެރޭގައި ކުދީންނަށް ކިޔަވާ ދިނުމާއި އެންދަމާ ދައު ބަނުމުގެ މަސައްކަތް
ކޮށްފައިވެއެވެ
ނަވާރަ ސަތޭކަ ފަންސާސް ތިނަކުން ފެށިގެން މުޙައްމަދު
ނަޖީބު އައީ މުދިމެއްގެ ވަޒީފާ އަދާ ކުރަމުން ނެވެ މީގެ އިތުރަށް މީދޫ މަކުތަބުގެ
މުދައްރިސް ކަމާއި މަދުރަސަތުލް ހިދާޔާގެ މުދައްރިސްކަން ކޮށްފައި ވެއެވެ
މިދެތަނުގައި ވަޒީފާ އަދާކުރަމުން ދިޔައިރުވެސް ގޭގައި ކުދީންނަށް އަކުރު
އުގަންނައި ދިނުމުގެ ބުރަ މަސައްކަތް ކުރެއްވީ ވަރަށް އުފަލާ ހަމަޖެހުމާއި
އެކުގައެވެ ނަމާދު ގަޑި ޖެހެން ކާރިވުމާއި އެކު ހުރިހާ ފިރިހެން ކުދީން ގޮވައިގެން
ނަމާދަށް ދުރުވެއެވެ ކްލާހުގައި ދީނީ ކަންތަކާއި ބެހޭ ގޮތުން ކުދީންނަށް ކަންކަން
ވަރަށް ރަގަޅަށް އޮޅުން ފިލުވައި ދެއެވެ
ވަރަށް ގިނައިން ދަރިވަރުންނަށް ހަދާންކޮށް ދޭ ވާހަކަ އަކީ
" ނަމާދު ކުރާ މީހުންނާއި އެކު އުޅުނީމާ ނަމާދު ކުރެވޭނެ ކަމާއި، ގޯސް
ކަންތައްތައް ކުރާ މީހުންނާއި އެކު އުޅުނީމާ ގޯސްކަންތައްތައް ކުރެވޭނެ ކަމާއި
........." އާދެ! މިއީ ހަމަ ރަގަޅު މިސާލެއްކަން މިއަދު މިވަނީ
ޘާބިތުވެފައެވެ
މަދުރަސަތުލް ހިދާޔާ ބަންދުކުރުމާއި ގުޅިގެން މުޙައްމަދު
ނަޖީބުވެސް ގޭގައި ކިޔަވައި ދެމުން އައި ކިޔަވައި ދިނުމުގެ ކަންތައް ރަސްމީ
ކޮށްލެއްވިއެވެ އާދެ! ކިޔަވައި ދިނުމަށް ޓަކައި1969 ގައި މަކުތަބުލް އަސްރިއްޔާގެ
ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މަކުތަބެއް ރަޖިސްޓްރީ ކޮށް އިތުރު
މުދައްރިސުންނާއި އެކު ކުރީގައި ކިޔަވައި ދެމުން އައި މާއްދާތަކަށް ވުރެ އިތުރު
މާއްދާތައް ކިޔަވައި ދެއްވަން ފެށްޓެވިއެވެ
ވަރަށް ދިގު މުއްދަތަކަށް ކިޔަވައި ދިނުމުގެ ފަޚުރާއި
ޝަރަފު ހޯދުމަށް ފަހު މަކުތަބުލް އަސްރިއްޔާ ހިންގެވުމުގެ މަސްއޫލިއްޔަތު
މުޙައްމަދު ނަޖިބުގެ ހަނގު ދަރި ކަލުން އައްޝައިޚު ޢަބްދުﷲ ނަޖީބު އާއި 2000 ވަނަ
އަހަރު ޙަވާލު ކުރެއްވިއެވެ މީދޫގެ އަފުރާދުންގެ ތެރެއިން މުޙައްމަދު ނަޖީބު
އަރިހުން ވަރަށް ގިނަ ޢަދަދެއްގެ މީހުން އަކުރު އުގެނިފައި ވާނެއެވެ
މުޙައްމަދު ނަޖީބަށް މުދިން ކަމުން 2 ވަނަ ޕެންޝަން އާދެ!
މެދުނުކެޑި ވަޒީފާ އަދާ ކުރާތާ 40 އަހަރު ވުމާއި ގުޅިގެން 2004 ގައި ވަނީ
ވަޒީފާއިން ވަކިކުރައްވާފައެވެ
މުޙައްމަދު ނަޖީބު ރަސްމީ މުދިމެއްގެ ވަޒީފާ އަދާ ކުރަން
ފެށިއިރު މުސާރައަކީ މަހަކު ސާޅިސް ރުފިޔާ އެވެ ދެވަނަ ޕެންޝަން ލިބުނު އިރު
މުސާރައކީ ސާދަސަތޭކަ ދިހަ ރުފިޔާ އެވެ
މުޙައްމަދު ނަޖީބު ތަޢުލީމީ ރޮގުން ދިގުމުއްދަތަކަށް
ޚިދުމަތް ކުރައްވާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ ހިތްވަރު
ދިނުމުގެ އެވޯޑް އަރުވާ ފައެވެ
މުޙައްމަދު ނަޖީބުގެ މުދިމް ކަމުގައި ހުކުރު ކުރެއްވިއެވެ
މިގޮތުން ޢަރަބި ޚުޠުބާ، ދިވެހި ޚުޠުބާ ، ދިވެހި ލެޓިން ޚުޠުބާ ކިޔާފައި ވެއެވެ.
ޖަމާޢަތް ތެރިކަން ކުރެއްވިއެވެ
މުޙައްމަދު ނަޖީބަކީ މިރަށުގެ ކުދި ބޮޑު އެންމެން
އިޙްތިރާމް ކުރާ އެދުރެކެވެ ދީނީ ކަންތަކަށް ވަރަށް ބޮޑަށް ސަމާލު ކަން ދެއްވާ
ބޭފުޅެކެވެ.
މުހައްމަދު ނަޖީބު ނިޔާވީ 2 ޖޫން 2015 ގައެވެ. ވަޅުލެވިފައި ވަނީ ކޯގަންނު ގަބުރުސްތާނު ގައެވެ. ނިޔާވިއިރު
ދުނިޔޭގައި ދެ ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ތިއްބެވެ. އެއީ އަހްމަދު
ނަޖީބާއި ޢަބްދު ﷲ ނަޖީބު އާއި އާމިނަތު ރާމިޒާ އާއި ފާތުމަތު ނަޖީބު. މިކުދިންގެ މަންމަ އަކީ މަރިޔަމް ޚަރީދާ އެވެ
މާތްﷲ މުހައްމަދު ނަޖީބު އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް
މިންވަރު ކުރައްވާށިއެވެ. އާމީން.
ތިމާމެންނަށް ކިޔަވައިދިން އެދުރުންނަށް އިޙްތިރާމްކޮށް އެކަމުގެ އަގުވަޒަންކެރަނީ ކިތެއްމީހާ<<<
ReplyDeleteމުދިމްބޭބޭ އަށް މާތް الله ރަޙްމަތްލައްވައި މީދޫ ކުދިންނަށް ތެކޮށްދިން ޚިދުމަތަށް ދަރުމަދެއްވާށި!