![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1X6w_roAODdg3emi31axYKFpg-X_i5CcROUMqOIgZJmlkEhmEcDioKvpN-K-7dz4uenrL3mwVRWRloRSNerCczDTYCWZ3NpPmKkOKBZSqwNij1pjLJsceeqkJCdU7SlYJNaBf8vIzVWs/s640/waseem+pp.jpg)
ޢަބްދުﷲ ވަސީމް ގުލްފާމް ވާދީ ( ދޮންކަލޯގެ ވަސީމް ) އުފަންވީ23 ފެބްރުއަރީ
1964 ގައެވެ. .
މަންމަ އަކީ ހައްވާއްކަލޯގެ ހުސެންގެ ހުސްނާ ހުސެން އެވެ. ބައްޕައކީ ދޮން
އައިސާގެ ހަސަން މަނިކާ އެވެ.
ވަސީމް ތަޢުލީމް ހާސިލް ކުރީ އަލްމަރުހޫމް މުހައްމަދު ނަޖީބު އަރިހުން ނާއި
ޒަހަބިއްޔާ ސްކޫލުންނާއި ހިދާޔާ ސްކޫލުންނެވެ. ސެކަންޑަރީ ތަޢުލީމް ޙަސިލް ކުރީ
މާލެ އިންގްލިޝް ސްކޫލުންނެވެ. އެސްކޫލްގެ ގްރޭޑް އަށެއް ނިންމުމަށް ފަހު
މަސައްކަތުގެ ދާއިރާއަށް ވަނުމަށް ޓަކައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރަށް ވަދެ އެންޖިނިއަރިން
އާއި ވެލްޑިން ކުރުމުގެ ދާއިރާއިން މަސައްކަތް ދަސްކޮށްފައި ވެއެވެ.
ވަސީމް ފުރަތަމަ އަދާ ކުރި ވަޒީފާ އަކީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑްގެ
އިލެކްޓްރީޝަނެއްގެ ވަޒީފާއެވެ. ދުވަސް ކޮޅަކު މިވަޒީފާގައި އުޅުމަށް ފަހު
ފެލިވަރު ކޭނިން ފެކްޓްރީގެ ވަޒީފާ އަށް ބަދަލުވިއެވެ. މިވަޒީފާ ގައި ހުއްޓާ
އެތަނުގެ ފަރާތުން ސްލިޕްވޭ މެއިންޓެނަންސް އޭންޑް އޮޕްރޭޓިން ކޯހެއް ލިބި
އިންޑިޔާގެ ކޮޗިންގައި އެކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ޙާސިލް ކޮށްފައި ވެއެވެ. ކޯސް ނިންމާ ރާއްޖެ އައުމުން އޭނާ ވަނީ މަސްކިރާ
ބޯޓެއްގެ އެންޖިނިއަރަކަށް ބަދަލު ކޮށް ފައެވެ.
މިފްކޯގެ ވަޒީފާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް މޯލްޑިވްސް އިލެކްޓްރި ސިޓީ
ބޯޑްގެ ހުޅުދޫ މީދޫ އިންޖީނުގޭގެ އެސިސްޓެންޓް ސްޕަވައިޒަރަކަށް ވަނެވެ. ހުޅުދޫ
މީދޫ އިންޖީނުގޭގެ ޕަވަރ ޖެނެރޭޝަން އެންޑް މެއިންޓެނަންސްގެ އެންމެ އިސްމީހެއްގެ
ގޮތުގައި ހުރެގެން ވަރަށް ގިނަގުނަ ޚިދުމަތް ތަކެއް ވަސީމް ވަނީ އިންޖީނުގެއަށް
ކޮށްދީފައެވެ. މިގޮތުން ހުޅުދޫ މީދޫ އަށް ކަރަންޓް ދިނުމަށް ޓަކައި ކޭބަލް
އެޅުމާއި ޑިސްޓްރިބިޔުޝަން ފޮށި ބެހެއްޓުމާއި ސަބްސްޓޭޝަން ތައް އެޅުމާއި ފޯރމަރު
ތަކާއި ސްވިޗްގިއަރ ބެހެއްޓުމުގައި ވަރަށް ފަރުވާތެރި ކަމާއި އެކު މަސައްކަތް ކޮށް
ފައިވެއެވެ.
އިންޖީނުގޭގައި އުޅުނު އިރު ވަސީމް އެންމެ ބޮޑަށް ސަމާލުކަން ދޭ ދެކަމެއް
ވަރަށް ބޮޑަށް ފާހަގަ ވެއެވެ. ފުރަތަމަ ކަމަކީ އިންޖީނުރޫމް ސާފުކޮށް
ބެލެހެއްޓުމާއި ޖެނެރޭޓަރު ސެޓްތަކާއި އެއާއި ގުޅޭ އެހެނިހެން އާލާތްތައް ވަރަށް
ރަގަޅަށް މެއިންޓެއިން ކޮށް ބެލެއްޓުމެވެ. އިންޖީނުރޫމާއި ޖެނެރޭޓަރު ސެޓް ތަކާއި
ސައިލެންސަރުގެ ސާފުތާހިރުކަމަށް ބަހައްޓާ ސަމާލު ކަމަށް ޓަކައި އިންޖީނުގެ އަށް ޒިޔާރަތް
ކުރައްވާ ޖަޕާނުގެ ޓީމްތަކުން ޝުކުރު ދަންނަވާފައި ވެއެވެ. ދެވަނަކަމަކީ ރައްޔިތުންނަށް މެދުނުކެޑި ކަރަންޓް
ދިނުމަށްޓަކައި ދޭ ސަމާލުކަމެވެ. މިގޮތުން ކަރަންޓް ފޭލް ވެއްޖެނަމަ އެންމެ ކުރިން
އިންޖީނުގެއަށް ދާމީހަކީ ވަސީމް ކަމަށް ހުރިހާ މުވައްޒަފުންވެސް ހެކިވާނެއެވެ..
ވަސީމަކީ ރަށުގެ ތަރައްޤީއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ
އެންމެންނާއި ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ.
2 ނޮވެމްބަރ 2014 ދުވަހު އިންޖީނުގޭގެ ވަޒީފާއަށް ނިކުމެ ހުއްޓާ މޭމަތީގައި
ތަދެއް ޖެހިގެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ދިއުމުން އެތަނުން ވަސީމް ފޮނުވީ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އެތަނަށް ގޮސް ޑޮކްޓަރަށް ނުދެއްކިގެން
އުޅެނިކޮށް ވަސީމް ނިޔާ ވެއްޖެއެވެ. ލަފާކުރެވިފައި ވަނީ ހާރޓްއެޓޭކެއް ޖެހިގެން
ކަމަށެވެ.
ވަސީމް ނެތުމުން ހުޅުދޫމީދޫ އިންޖީނުގެއަށް ގެއްލިގެން ދިޔައީ ފޫނުބެއްދޭ
ވަރުގެގެއްލުމެއް ކަމުގައ އެތަނުގެ މުވައްޒަފުންދެކެއެވެ.
.
waseembe neimei varah dhera vei
ReplyDelete