Thursday, July 2, 2009

Mohamed Thakhkhaan



މުޙައްމަދު ތައްޚާނު ( ވަށޮދިޔަގެ ބެއްޔާ) އުފަންވީ 11 ފެބްރުއަރީ 1920 ގައެވެ. ބައްޕައަކީ ވަށޮދިޔަގެމާލިމީގެ  ޢަބްދުލް ކަރީމެވެ.މަންމައަކީ އެޅެތޮށިގޭ އާމިނާ ފާނެވެ

ދިރިއުޅުމަށް ޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މީގެތެރޭ އަމިއްލަ ދޯނިފަހަރު މަހަށް ފުރުވުމާއި ނަވާރަ ސަތޭކަ ފަންސާހުގެ އަހަރު ތަކުގައި ހިކިމަހާއި ކޮޕްރާ ބޮޑި ހަލުވާ ފަދަ ތަކެތީގެ ވިޔަފާރި ދަތުރުތަކުގައި އޮޅުދޫ ކަރަ ( ސިލޯން، ސްރީލަންކާ ) އަށް އޮޑިފަހަރުގައި ދަތުރު ކުރިއެވެ. ގިނަ އަހަރު ތަކެއް ވަންދެން އިމްޕޯޓް މުދާ ވިއްކުމުގެ ވިޔަފާރި ހިންގާފައިވެއެވެ. އިމްޕޯޓް މުދާ މާލެއިން ގެނައުމުގެ އިތުރަށް ރެޑީމޭޑް ހެދުމާއި ޓެކްސްޓައިލް ސާމާން ސިންގަޕޫރުން އެތެރެކޮށް ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކަށް ވިއްކެވިއެވެ

މުޙައްމަދު ތައްޚާނަކީ ދޯނިފަހަރު މަހަށް ފުރުވުމުގެ އިތުރަށް އަމިއްލަ ދޯނިފަހަރުގައި މަހަށް ފުރާ ފައިވާ މޮޅު މާކެޔޮޅެކެވެ. ނަވާރަ ސަތޭކަ ބާހައްތަރި ވަނަ އަހަރު އައްޑު އަތޮޅުން އެންމެ ގިނަ މަސް ބޭނި ދޯންޏަކަށް އަތޮޅު ކޮމިޓީން ހުށަ ހެޅުއްވި މަސްދޯނި " އިނާމު ދޯނި " ލިބުނީ މުޙައްމަދު ތައްޚާނަށެވެ. މިދޯނި ކާމިޔާބުކުރުމުގައި މީނާގެ ކޮއްކޮ ހަސަން ތައްޚާނުގެ ހިއްސާ ވަރަށް ބޮޑެވެ

މުޙައްމަދު ތައްޚާނަކީ ރަށުގެ ތަރައްގީއަށް ޓަކައި ވަރަށް މުހިންމު ރޯލުތަކެއް އަދާކޮށްފައިވާ ޝަޚްސިއްޔަތެކެވެ.މީދޫގެ މަޝްހޫރު ދިގު ފާލަން އެޅުމުގައި މުޙައްމަދު ތައްޚާނުގެ ހިއްސާ ވަރަށް ބޮޑެވެ. މިދޫގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށް ދީފައިވަނީ މީނާއެވެ

މުޙައްމަދު ތައްޚާނަކީވެސް މީދޫ ރިކޯޑްފޮތުން ޖާގަ ހޯދުމުގެ ޝަރަފު ޙާސިލްކޮށްފައިވާ ބޭކަލެކެވެ.މިގޮތުން މީދޫ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަށް ފޯރުކޮށް ދިނުމަށް އެންމެ ފުރަތަމަ އިންޖީނެއް ގެނައުމާއި ވިޔަފާރި ދަތުރެއްގައި ސިންގަޕޫރަށް ދިޔަ މީދޫގެ ފުރަތަމަ ވިޔަފާރި ވެރިޔާގެ މަގާމް ޙާސިލް ކުރުމާ އިންޖީނުލީ މަސްދޯންޏެއް އެންމެ ފުރަތަމަ މީދުއަށް ގެނައުމުގެ ޝަރަފް ޙާސިލްކުރުން ހިމެނެއެވެ.

މުހައްމަދު ތައްޚާނުގެ ފުރަތަމަ އަންބަކީ އައްޓިއަރި އިބިރިހިމް މަނިކުފާނުގެ އާމިނަތު ދީދީ އެވެ. ދެވަނަ އަންބަކީ   ސ.މީދޫ ސިންދު މުހައްމަދު މަނިކުފާނުގެ މަރިޔަމް މަނިކުފާނު ( ބޮޑައްބީގެ މަރިޔަމް މަނިކުފާން) އެވެ. މުހައްމަދު ތައްޚާނުގެ ތިބީ ދެ އަންހެން ދަރިންނެވެ. އެއީ މަރިޔަމް މަނިކުފާނު ބަޑުން ލިބުނު ދަރިންނެވެ. ދެ ދަރިންވެސް މަސައްކަތް ކުރަނީ ތަޢުލީމީ ދާއިރާގައެވެ.

މުޙައްމަދު ތައްޚާނަކީ ހުރިހާ އުމުރެއްގެ މީހުނާއި ގުޅޭ ރީތި އަޚްލާގީ މިންގަޑެއް ގެންގުޅުއްވި ބޭކަލެކެވެ. ނިޔާވީ 11 ޖުލައި 2001 ގައެވެ.

                                 

                                                      

No comments:

Post a Comment