Thursday, March 30, 2017

ABDULLA WASEEM














ޢަބްދުﷲ ވަސީމް ގުލްފާމް ވާދީ ( ދޮންކަލޯގެ ވަސީމް ) އުފަންވީ23 ފެބްރުއަރީ 1964 ގައެވެ.     .
މަންމަ އަކީ ހައްވާއްކަލޯގެ ހުސެންގެ ހުސްނާ ހުސެން އެވެ. ބައްޕައކީ ދޮން އައިސާގެ ހަސަން މަނިކާ އެވެ.
ވަސީމް ތަޢުލީމް ހާސިލް ކުރީ އަލްމަރުހޫމް މުހައްމަދު ނަޖީބު އަރިހުން ނާއި ޒަހަބިއްޔާ ސްކޫލުންނާއި ހިދާޔާ ސްކޫލުންނެވެ. ސެކަންޑަރީ ތަޢުލީމް ޙަސިލް ކުރީ މާލެ އިންގްލިޝް ސްކޫލުންނެވެ. އެސްކޫލްގެ ގްރޭޑް އަށެއް ނިންމުމަށް ފަހު މަސައްކަތުގެ ދާއިރާއަށް ވަނުމަށް ޓަކައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރަށް ވަދެ އެންޖިނިއަރިން އާއި ވެލްޑިން ކުރުމުގެ ދާއިރާއިން މަސައްކަތް ދަސްކޮށްފައި ވެއެވެ.                          
ވަސީމް ފުރަތަމަ އަދާ ކުރި ވަޒީފާ އަކީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑްގެ އިލެކްޓްރީޝަނެއްގެ ވަޒީފާއެވެ. ދުވަސް ކޮޅަކު މިވަޒީފާގައި އުޅުމަށް ފަހު ފެލިވަރު ކޭނިން ފެކްޓްރީގެ ވަޒީފާ އަށް ބަދަލުވިއެވެ. މިވަޒީފާ ގައި ހުއްޓާ އެތަނުގެ ފަރާތުން ސްލިޕްވޭ މެއިންޓެނަންސް އޭންޑް އޮޕްރޭޓިން ކޯހެއް ލިބި އިންޑިޔާގެ ކޮޗިންގައި އެކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ޙާސިލް ކޮށްފައި ވެއެވެ. ކޯސް  ނިންމާ ރާއްޖެ އައުމުން އޭނާ ވަނީ މަސްކިރާ ބޯޓެއްގެ އެންޖިނިއަރަކަށް ބަދަލު ކޮށް ފައެވެ.
މިފްކޯގެ ވަޒީފާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް މޯލްޑިވްސް އިލެކްޓްރި ސިޓީ ބޯޑްގެ ހުޅުދޫ މީދޫ އިންޖީނުގޭގެ އެސިސްޓެންޓް ސްޕަވައިޒަރަކަށް ވަނެވެ. ހުޅުދޫ މީދޫ އިންޖީނުގޭގެ ޕަވަރ ޖެނެރޭޝަން އެންޑް މެއިންޓެނަންސްގެ އެންމެ އިސްމީހެއްގެ ގޮތުގައި ހުރެގެން ވަރަށް ގިނަގުނަ ޚިދުމަތް ތަކެއް ވަސީމް ވަނީ އިންޖީނުގެއަށް ކޮށްދީފައެވެ. މިގޮތުން ހުޅުދޫ މީދޫ އަށް ކަރަންޓް ދިނުމަށް ޓަކައި ކޭބަލް އެޅުމާއި ޑިސްޓްރިބިޔުޝަން ފޮށި ބެހެއްޓުމާއި ސަބްސްޓޭޝަން ތައް އެޅުމާއި ފޯރމަރު ތަކާއި ސްވިޗްގިއަރ ބެހެއްޓުމުގައި ވަރަށް ފަރުވާތެރި ކަމާއި އެކު މަސައްކަތް ކޮށް ފައިވެއެވެ.
އިންޖީނުގޭގައި އުޅުނު އިރު ވަސީމް އެންމެ ބޮޑަށް ސަމާލުކަން ދޭ ދެކަމެއް ވަރަށް ބޮޑަށް ފާހަގަ ވެއެވެ. ފުރަތަމަ ކަމަކީ އިންޖީނުރޫމް ސާފުކޮށް ބެލެހެއްޓުމާއި ޖެނެރޭޓަރު ސެޓްތަކާއި އެއާއި ގުޅޭ އެހެނިހެން އާލާތްތައް ވަރަށް ރަގަޅަށް މެއިންޓެއިން ކޮށް ބެލެއްޓުމެވެ. އިންޖީނުރޫމާއި ޖެނެރޭޓަރު ސެޓް ތަކާއި ސައިލެންސަރުގެ ސާފުތާހިރުކަމަށް ބަހައްޓާ ސަމާލު ކަމަށް ޓަކައި އިންޖީނުގެ އަށް ޒިޔާރަތް ކުރައްވާ ޖަޕާނުގެ ޓީމްތަކުން ޝުކުރު ދަންނަވާފައި ވެއެވެ. ދެވަނަކަމަކީ        ރައްޔިތުންނަށް މެދުނުކެޑި ކަރަންޓް ދިނުމަށްޓަކައި ދޭ ސަމާލުކަމެވެ. މިގޮތުން ކަރަންޓް ފޭލް ވެއްޖެނަމަ އެންމެ ކުރިން އިންޖީނުގެއަށް ދާމީހަކީ ވަސީމް ކަމަށް ހުރިހާ މުވައްޒަފުންވެސް ހެކިވާނެއެވެ..
ވަސީމަކީ ރަށުގެ ތަރައްޤީއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ އެންމެންނާއި ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ.

2 ނޮވެމްބަރ 2014 ދުވަހު އިންޖީނުގޭގެ ވަޒީފާއަށް ނިކުމެ ހުއްޓާ މޭމަތީގައި ތަދެއް ޖެހިގެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ދިއުމުން އެތަނުން ވަސީމް ފޮނުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އެތަނަށް ގޮސް ޑޮކްޓަރަށް ނުދެއްކިގެން އުޅެނިކޮށް ވަސީމް ނިޔާ ވެއްޖެއެވެ. ލަފާކުރެވިފައި ވަނީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
ވަސީމް ނެތުމުން ހުޅުދޫމީދޫ އިންޖީނުގެއަށް ގެއްލިގެން ދިޔައީ ފޫނުބެއްދޭ ވަރުގެގެއްލުމެއް ކަމުގައ އެތަނުގެ މުވައްޒަފުންދެކެއެވެ.


.





Saturday, March 25, 2017

Mohamed Najeeb


މުޙައްމަދު ނަޖީބު ( މުދިމް ދީދީ ) އުފަންވީ 29 ޝައްވާލް 1340 ގައެވެ ބައްޕަ އަކީ ގަޑުވަރު އަޙްމަދު ދީދިގެ
ޢަލި ދީދީ ގެ އިބްރާހީމް ދީދީ އެވެ މަންމަ އަކީ ގަޑުވަރު މުޙައްމަދު ތައްޚާނުގެ އެޅަމަނިކުފާނުންގެ ކައްދާ މަނިކެވެ

ތަޢުލީމް ޙާސިލް ކުރީ އައިސާދަރު އަހްމަދު ދީދީ، ދޮންމަނިކުގެ ޢަލި ދީދީ، ޝެއިޚް ހުސެން ރަހާ އަރިހުންނެވެ

ދިރި އުޅުމަށްޓަކައި ކުޑަ ދުވަސް ކޮޅަކު މަސްވެރިކަމާއި ދަނޑުވެރިކަން ކުރެއްވެވި އެވެ. ޢުމުރުގެ ބޮޑުބައި ހޭދަކޮށްފައި ވަނީ 
މިސްކިތު މުދިންކަމާއި ކުދީންނަށް އަކުރު އުގަންނައި ދިނުމާއި ގުރުއާން އާއި ދީނިއްޔާތު ކިޔަވައި ދިނުމާއި ނަމާދު ކުރަން ދަސްކޮށް ދިނުމުގެ މަސައްކަތުގައެވެ

ފުރަތަމަ ކިޔަވައި ދޭން ފެށީ އައިސާދަރު އަޙްމަދު ދީދީ ބޮޑެތި މީހުންނަށް ކިޔަވައި ދެއްވަން ހިންގެވި ކްލާހެއް ގައެވެ
އެ ކްލާހުގައި އަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށް ދިނުމުގެ އިތުރަށް ނަމާދުގައި ކިޔަވާ ތަކެތި ދަސްކޮށް ދީފައި ވެއެވެ
ހިކިމަހާއި ކޮޕްރާގެ ވިޔަފާރީގައި 3 ފަހަރު އޮޑި ފަހަރުގައި ސިލޯނަށް ދަތުރުކޮށްފައިވެއެވެ އޮޑި ފަހަރުން ދަތުރުކުރުމުގައި ދިމާވި އެންމެ ހިތާމަވެރި ޙާދިޘާ އަކީ ކަޅިހާރު އޮޑީގައި މާލެއިން ފުރައިގެން އައްޑުއަށް އައި މަގުމަތީ ހުވަދޫ ކަނޑު ތެރެއިން ގަދަ ވިއްސާރައިގާ އޮޑި ބެހި 6 ދުވަސް ވަން ދެން އެއްވެސް ތަނެއްދޮރެއް ނުފެނި
ހާލުގައި ޖެހުމެވެ 7 ވަނަ އަށްވީ ދުވަހު ސިލޯން ފެނި ހަމަ އެދުވަހު ގާލީކޯރުގައި އޮޑި ބަނދަރުކުރެވުނެވެ މިފަހަރު ސިލޯނުގައި ނުވަ މަސް ދުވަސް ހޭދަކުރަން ޖެހުނެވެ

އަތިރަގޭ ޢަލިމަނިކުފާނު ( ސ.މީދޫ ގުލްފާމްގޭ ޢަލީ އަންވަރު ) އޮޑި ސިލޯނަށް ގޮސް ރާއްޖެ އައި މަގުމަތީގައި މާލެ ނުޖައްސާ އައްޑުއަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ވަކި މުއްދަތެއް ނެތި ރަށްރަށަށް ފޮނުވާލި މީހުންގެ ތެރޭގައި މުޙައްމަދު ނަޖީބު ވެސް ހިމެނުނެވެ މުޙައްމަދު ނަޖީބު ފޮނުވާލީ ރ.އަތޮޅު މީދޫ އަށެވެ މިރަށުގައި
ސޯޅަ މަސް ހޭދަކުރަން ޖެހުނެވެ މިރަށުގައި ހުރި ދުވަސް ތަކުގެ ތެރޭގައި ކުދީންނަށް ކިޔަވާ ދިނުމާއި އެންދަމާ ދައު ބަނުމުގެ މަސައްކަތް ކޮށްފައިވެއެވެ

ނަވާރަ ސަތޭކަ ފަންސާސް ތިނަކުން ފެށިގެން މުޙައްމަދު ނަޖީބު އައީ މުދިމެއްގެ ވަޒީފާ އަދާ ކުރަމުން ނެވެ މީގެ އިތުރަށް މީދޫ މަކުތަބުގެ މުދައްރިސް ކަމާއި މަދުރަސަތުލް ހިދާޔާގެ މުދައްރިސްކަން ކޮށްފައި ވެއެވެ މިދެތަނުގައި ވަޒީފާ އަދާކުރަމުން ދިޔައިރުވެސް ގޭގައި ކުދީންނަށް އަކުރު އުގަންނައި ދިނުމުގެ ބުރަ މަސައްކަތް ކުރެއްވީ ވަރަށް އުފަލާ ހަމަޖެހުމާއި އެކުގައެވެ ނަމާދު ގަޑި ޖެހެން ކާރިވުމާއި އެކު ހުރިހާ ފިރިހެން ކުދީން ގޮވައިގެން ނަމާދަށް ދުރުވެއެވެ ކްލާހުގައި ދީނީ ކަންތަކާއި ބެހޭ ގޮތުން ކުދީންނަށް ކަންކަން ވަރަށް ރަގަޅަށް އޮޅުން ފިލުވައި ދެއެވެ
ވަރަށް ގިނައިން ދަރިވަރުންނަށް ހަދާންކޮށް ދޭ ވާހަކަ އަކީ " ނަމާދު ކުރާ މީހުންނާއި އެކު އުޅުނީމާ ނަމާދު ކުރެވޭނެ ކަމާއި، ގޯސް ކަންތައްތައް ކުރާ މީހުންނާއި އެކު އުޅުނީމާ ގޯސްކަންތައްތައް ކުރެވޭނެ ކަމާއި ........." އާދެ! މިއީ ހަމަ ރަގަޅު މިސާލެއްކަން މިއަދު މިވަނީ ޘާބިތުވެފައެވެ

މަދުރަސަތުލް ހިދާޔާ ބަންދުކުރުމާއި ގުޅިގެން މުޙައްމަދު ނަޖީބުވެސް ގޭގައި ކިޔަވައި ދެމުން އައި ކިޔަވައި ދިނުމުގެ ކަންތައް ރަސްމީ ކޮށްލެއްވިއެވެ އާދެ! ކިޔަވައި ދިނުމަށް ޓަކައި1969 ގައި މަކުތަބުލް އަސްރިއްޔާގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މަކުތަބެއް ރަޖިސްޓްރީ ކޮށް އިތުރު މުދައްރިސުންނާއި އެކު ކުރީގައި ކިޔަވައި ދެމުން އައި މާއްދާތަކަށް ވުރެ އިތުރު މާއްދާތައް ކިޔަވައި ދެއްވަން ފެށްޓެވިއެވެ

ވަރަށް ދިގު މުއްދަތަކަށް ކިޔަވައި ދިނުމުގެ ފަޚުރާއި ޝަރަފު ހޯދުމަށް ފަހު މަކުތަބުލް އަސްރިއްޔާ ހިންގެވުމުގެ މަސްއޫލިއްޔަތު މުޙައްމަދު ނަޖިބުގެ ހަނގު ދަރި ކަލުން އައްޝައިޚު ޢަބްދުﷲ ނަޖީބު އާއި 2000 ވަނަ އަހަރު ޙަވާލު ކުރެއްވިއެވެ މީދޫގެ އަފުރާދުންގެ ތެރެއިން މުޙައްމަދު ނަޖީބު އަރިހުން ވަރަށް ގިނަ ޢަދަދެއްގެ މީހުން އަކުރު އުގެނިފައި ވާނެއެވެ

މުޙައްމަދު ނަޖީބަށް މުދިން ކަމުން 2 ވަނަ ޕެންޝަން އާދެ! މެދުނުކެޑި ވަޒީފާ އަދާ ކުރާތާ 40 އަހަރު ވުމާއި ގުޅިގެން 2004 ގައި ވަނީ ވަޒީފާއިން ވަކިކުރައްވާފައެވެ

މުޙައްމަދު ނަޖީބު ރަސްމީ މުދިމެއްގެ ވަޒީފާ އަދާ ކުރަން ފެށިއިރު މުސާރައަކީ މަހަކު ސާޅިސް ރުފިޔާ އެވެ ދެވަނަ ޕެންޝަން ލިބުނު އިރު މުސާރައކީ ސާދަސަތޭކަ ދިހަ ރުފިޔާ އެވެ

މުޙައްމަދު ނަޖީބު ތަޢުލީމީ ރޮގުން ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ ހިތްވަރު ދިނުމުގެ އެވޯޑް އަރުވާ ފައެވެ

މުޙައްމަދު ނަޖީބުގެ މުދިމް ކަމުގައި ހުކުރު ކުރެއްވިއެވެ މިގޮތުން ޢަރަބި ޚުޠުބާ، ދިވެހި ޚުޠުބާ ، ދިވެހި ލެޓިން ޚުޠުބާ ކިޔާފައި ވެއެވެ. ޖަމާޢަތް ތެރިކަން ކުރެއްވިއެވެ

މުޙައްމަދު ނަޖީބަކީ މިރަށުގެ ކުދި ބޮޑު އެންމެން އިޙްތިރާމް ކުރާ އެދުރެކެވެ ދީނީ ކަންތަކަށް ވަރަށް ބޮޑަށް ސަމާލު ކަން ދެއްވާ ބޭފުޅެކެވެ.
މުހައްމަދު ނަޖީބު ނިޔާވީ  2 ޖޫން 2015 ގައެވެ. ވަޅުލެވިފައި ވަނީ ކޯގަންނު ގަބުރުސްތާނު                      ގައެވެ. ނިޔާވިއިރު ދުނިޔޭގައި ދެ ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ތިއްބެވެ. އެއީ އަހްމަދު ނަޖީބާއި ޢަބްދު ﷲ ނަޖީބު އާއި އާމިނަތު ރާމިޒާ އާއި ފާތުމަތު ނަޖީބު.    މިކުދިންގެ މަންމަ އަކީ މަރިޔަމް ޚަރީދާ އެވެ


މާތްﷲ މުހައްމަދު ނަޖީބު އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.