Wednesday, July 8, 2009

Ahmed Zahir


އަޙްމަދު ޒާހިރު ( ބަންޑާރަދަޑިގޭ އަޙްމަދު ދީދީ ) އުފަންވީ 9 ޖެނުއަރީ 1929 ގައެވެ. ބައްޕައަކީ ހަސަންކާރި
ޢަލި ދީދީ އެވެ. މަންމައަކީ ދެށެނާގެ ތުއްތު މަނިކުގެ ދޮންދީދީ އެވެ

އަޙްމަދު ޒާހިރު ދިރި އުޅުމަށްޓަކައި ކުރި މައިގަޑު މަސައްކަތަކީ އިލެކްޓްރިކް ކަރަންޓާއި ބެހޭ މަސައްކަތެވެ. މީގެ އިތުރަށް ދަނޑުވެރިކަމާއި މަސްވެރިކަން ކޮށްފައި ވެއެވެ. އަމިއްލަ މަސް ދޯންޏެއް މީނާގެ ބޮޑުބޭބެ ބަންޑާރަދަޑިގޭ މުޙައްމަދު ދީދީގެ މާކެޔޮޅުކަމުގައި މަހަށް ފުރުވާފައިވެއެވެ

ދެވަނަ ފަހަރަށް ސ.ގަމަށް އިގިރޭސިން އައިސް ގަމުގެ އެކި އެކި ތަންތަނަށް ކަރަންޓް ފޯރުކުރުމަށްޓަކައި ކޭބަލް ނެޓްވާރކް އެޅުމުގެ މަސައްކަތް ކުރި އިރު އެމަސައްކަތް ފެށުނީއްސުރެން ނިމެންދެން އަޙްމަދު ޒާހިރު އެމަސައްކަތުގައި ޝާމިލް ވިއެވެ. ގަމުގައި އިގިރޭސިން އެޅި ކޭބަލް ނެޓްވާރކްގައި ހިމެނޭ ހުރިހާ ކޭބަލް ރޫޓެއް އަޙްމަދު ޒާހިރު ހިތު ދަހެވެ. މިއެނި ތަނަކަށް ކަރަންޓް ލެވިފައިވާ ކޭބަލް އޮންނާނީ މިއެނި ތަނެއްގައި ކަން އަޙްމަދު ޒާހިރު ވަރަށް ސާފުކޮށް ބުނެދޭނެއެވެ. މިސަބަބުތަކަށް ޓަކައި ސްޓެލްކޯގައި އަހްމަދު ޒާހިރުގެ ނަން މަޝްހޫރު ވެފައިވަނީ ގަމުގެ ނެޓްވާރކް ޗާޓްގެ ނަމުންނެވެ. 31 މާރޗް 1976 ގައި އިގިރޭސިން ގަމުން ފޭބުމާއި ހަމައަށް މީނާ މަސައްކަތް ކޮށްފައިވަނީ ރޯޔަލް އެއަރ ފޯރސް ގޭންގެ އެލެކްޓްރީޝަނެއްގެ މަޤާމުގައެވެ

އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން ކަރަންޓްގެ މަސައްކަތާއި ދުރުގައި އުޅުމަށް ފަހު 9 އޮކްޓޯބަރ 1983 ގައި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސ.ގަން ޕަވަރ ހައުސްގެ އިލެކްޓްރީ ޝަނެއްގެ ވަޒީފާ ލިބިފައިވެއެވެ. މިތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް 1 ސެޕްޓެމްބަރ 1985 ގައި ސ.ގަން އިންޖީނުގެ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑްގެ ދަށަށް ދިޔައެވެ

މީގެ ފަހުން އަޙްމަދު ޒާހިރު އަދާކޮށްފައިވާ ވަޒީފާތަކަކީ 1 ސެޕްޓެމްބަރ 1985 ން 30 ސެޕްޓެމްބަރ 1995 އަށް
އެމްއީބީ ސ.ގަން ޕަވަރ ހައުސްގެ އިލެކްޓްރީޝަން، 1 އޮކްޓޯބަރ 1995 ން 31 ޑިސެމްބަރ 1998 އަށް އެމްއީބީގެ ސީނިއަރ އިލެކްޓްރީޝަން،1 ޖެނުއަރީ 1998 ން 5 ޖޫން 2000 އަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
ލިމިޓެޑް ސ.ގަން ޕަވަރ ހައުސްގެ އިލެކްޓްރީޝަން ގްރޭޑް3، ސްޓެލްކޯ ސ.ހުޅުދޫ މީދޫ އިންޖީނުގެ ހުޅުވުމާއި ގުޅިގެން 6 ޖޫން 2000 ން 31 މެއި 2002 އަށް ހުޅުދޫ މީދޫ އިންޖީނުގޭގެ އެލެކްޓްރީޝަން ގްރޭޑް3 ގެ މަޤާމް
އަދި 1 ޖޫން 2002 ން 31 ޑިސެމްބަރ 2002 އަށް ޓެކްނީޝަން ގްރޭޑް1 ،1 ޖެނުއަރީ 2003 ން 9 އޮކްޓޯބަރ
ދެހާސް ތިނަކަށް ޓެކްނީޝަން ގްރޭޑް 2 ގެ ވަޒީފާ އެވެ
އަޙްމަދު ޒާހިރަކީ ސްޓެލްކޯ ހުޅުދޫ މީދޫ ޕަވަރ ހައުސްގައި މަސައްކަތް ކުރި ހަމަ އެކަނި ސަރުކާރު މުވައްޒަފެވެ ސަރުކާރު
މުވައްޒަފެއްގެ ގޮތުގައި މެދުނުކެޑި ވަޒީފާ އަދާކުރާތާ 20 އަހަރު ވުމާއި ގުޅިގެން 9 އޮކްޓޯބަރ 2003 ގައި
އަޙްމަދު ޒާހިރަށް ޕެންޝަން ދެއްވުމަށް ފަހު ސަރުކާރުގެ ވަޒީފާއިން ވަކިކުރެވުނެވެ

ނަމަވެސް އަޙްމަދު ޒާހިރަކީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ވަރަށް ތެދުވެރި ކަމާއި އިޚްލާސްތެރިކަމާއި އެކެ ޚިދުމަތްކޮށް ދެއްވާފައިވާ ޚިދުމަތްތެރިއަކަށް ވާތީ ޚާއްސަ ޢިނާޔަތެއްގެ ގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއް ޝަކޫރު ވަނީ 9 އޮކްޓޯބަރ 2003 ގައި އަލުން ކުންފުނީގެ ވަޒީފާ ދެއްވާ ފައެވެ. މިގޮތުން ހުޅުދޫ މީދޫ ޕަވަރހައުސް ގެ މެސެންޖަރ ގްރޭޑް4 ގެ ވަޒީފާއާއި ފޯރމަން ގްރޭޑް2 ގެ
ވަޒީފާ އަދާކޮށްފައިވެއެވެ. 11 މެއި 2007 ގައި އަޙްމަދު ޒާހިރު ނިޔާ ވަންދެން އުޅުނީ ސްޓެލްކޯ ހުޅުދު މީދޫ އިންޖީނުގޭގެ ވަޒީފާ ގައެވެ
އަޙްމަދު ޒާހިރު 20 އަހަރަށް ވުރެ ދިގުމުއްދަތަކަށް ސްޓެލްކޯގައި ވަޒީފާ އަދާކޮށްފައި ވާތީ ޚިދުމަތުގެ އަގު ވަޒަން ކޮށް ސްޓެލްކޯ އިން ވަނީ އެވޯޑް ދެއްވާފައެވެ. މީގެ އިތުރަށް ކުންފުނިން ބޯނަސް ލިބުނު މަދު ޢަދަދެއްގެ މުވައްޒަފުންގެ ތެރޭގައި ޢަހްމަދު ޒާހިރު ހިމެނުނުކަމީ ވަޒީފާ އަދާ ކުރެއްވުމުގައި އޭނާ ބެހެއްޓެވި ސަމާލުކަމުގެ ސަބަބުންކަން ޔަގީނެވެ

އަހްމަދު ޒާހިރު ނިޔާވިއިރު އަންބަކާއި އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވިއެވެ. މަޝްހޫރު ޑޮކްޓަރ ޢަބްދުﷲ އަފީފު ( ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރ ) އަކީ އަޙްމަދު ޒާހިރުގެ ހުންނެވި ހަމައެކަނި ފިރިހެން ބޭފުޅާ އެވެ

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހްމަދު ޒާހިރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އެ

No comments:

Post a Comment