Wednesday, July 8, 2009

Ahmed Zahir


އަޙްމަދު ޒާހިރު ( ބަންޑާރަދަޑިގޭ އަޙްމަދު ދީދީ ) އުފަންވީ 9 ޖެނުއަރީ 1929 ގައެވެ. ބައްޕައަކީ ހަސަންކާރި
ޢަލި ދީދީ އެވެ. މަންމައަކީ ދެށެނާގެ ތުއްތު މަނިކުގެ ދޮންދީދީ އެވެ

އަޙްމަދު ޒާހިރު ދިރި އުޅުމަށްޓަކައި ކުރި މައިގަޑު މަސައްކަތަކީ އިލެކްޓްރިކް ކަރަންޓާއި ބެހޭ މަސައްކަތެވެ. މީގެ އިތުރަށް ދަނޑުވެރިކަމާއި މަސްވެރިކަން ކޮށްފައި ވެއެވެ. އަމިއްލަ މަސް ދޯންޏެއް މީނާގެ ބޮޑުބޭބެ ބަންޑާރަދަޑިގޭ މުޙައްމަދު ދީދީގެ މާކެޔޮޅުކަމުގައި މަހަށް ފުރުވާފައިވެއެވެ

ދެވަނަ ފަހަރަށް ސ.ގަމަށް އިގިރޭސިން އައިސް ގަމުގެ އެކި އެކި ތަންތަނަށް ކަރަންޓް ފޯރުކުރުމަށްޓަކައި ކޭބަލް ނެޓްވާރކް އެޅުމުގެ މަސައްކަތް ކުރި އިރު އެމަސައްކަތް ފެށުނީއްސުރެން ނިމެންދެން އަޙްމަދު ޒާހިރު އެމަސައްކަތުގައި ޝާމިލް ވިއެވެ. ގަމުގައި އިގިރޭސިން އެޅި ކޭބަލް ނެޓްވާރކްގައި ހިމެނޭ ހުރިހާ ކޭބަލް ރޫޓެއް އަޙްމަދު ޒާހިރު ހިތު ދަހެވެ. މިއެނި ތަނަކަށް ކަރަންޓް ލެވިފައިވާ ކޭބަލް އޮންނާނީ މިއެނި ތަނެއްގައި ކަން އަޙްމަދު ޒާހިރު ވަރަށް ސާފުކޮށް ބުނެދޭނެއެވެ. މިސަބަބުތަކަށް ޓަކައި ސްޓެލްކޯގައި އަހްމަދު ޒާހިރުގެ ނަން މަޝްހޫރު ވެފައިވަނީ ގަމުގެ ނެޓްވާރކް ޗާޓްގެ ނަމުންނެވެ. 31 މާރޗް 1976 ގައި އިގިރޭސިން ގަމުން ފޭބުމާއި ހަމައަށް މީނާ މަސައްކަތް ކޮށްފައިވަނީ ރޯޔަލް އެއަރ ފޯރސް ގޭންގެ އެލެކްޓްރީޝަނެއްގެ މަޤާމުގައެވެ

އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން ކަރަންޓްގެ މަސައްކަތާއި ދުރުގައި އުޅުމަށް ފަހު 9 އޮކްޓޯބަރ 1983 ގައި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސ.ގަން ޕަވަރ ހައުސްގެ އިލެކްޓްރީ ޝަނެއްގެ ވަޒީފާ ލިބިފައިވެއެވެ. މިތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް 1 ސެޕްޓެމްބަރ 1985 ގައި ސ.ގަން އިންޖީނުގެ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑްގެ ދަށަށް ދިޔައެވެ

މީގެ ފަހުން އަޙްމަދު ޒާހިރު އަދާކޮށްފައިވާ ވަޒީފާތަކަކީ 1 ސެޕްޓެމްބަރ 1985 ން 30 ސެޕްޓެމްބަރ 1995 އަށް
އެމްއީބީ ސ.ގަން ޕަވަރ ހައުސްގެ އިލެކްޓްރީޝަން، 1 އޮކްޓޯބަރ 1995 ން 31 ޑިސެމްބަރ 1998 އަށް އެމްއީބީގެ ސީނިއަރ އިލެކްޓްރީޝަން،1 ޖެނުއަރީ 1998 ން 5 ޖޫން 2000 އަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
ލިމިޓެޑް ސ.ގަން ޕަވަރ ހައުސްގެ އިލެކްޓްރީޝަން ގްރޭޑް3، ސްޓެލްކޯ ސ.ހުޅުދޫ މީދޫ އިންޖީނުގެ ހުޅުވުމާއި ގުޅިގެން 6 ޖޫން 2000 ން 31 މެއި 2002 އަށް ހުޅުދޫ މީދޫ އިންޖީނުގޭގެ އެލެކްޓްރީޝަން ގްރޭޑް3 ގެ މަޤާމް
އަދި 1 ޖޫން 2002 ން 31 ޑިސެމްބަރ 2002 އަށް ޓެކްނީޝަން ގްރޭޑް1 ،1 ޖެނުއަރީ 2003 ން 9 އޮކްޓޯބަރ
ދެހާސް ތިނަކަށް ޓެކްނީޝަން ގްރޭޑް 2 ގެ ވަޒީފާ އެވެ
އަޙްމަދު ޒާހިރަކީ ސްޓެލްކޯ ހުޅުދޫ މީދޫ ޕަވަރ ހައުސްގައި މަސައްކަތް ކުރި ހަމަ އެކަނި ސަރުކާރު މުވައްޒަފެވެ ސަރުކާރު
މުވައްޒަފެއްގެ ގޮތުގައި މެދުނުކެޑި ވަޒީފާ އަދާކުރާތާ 20 އަހަރު ވުމާއި ގުޅިގެން 9 އޮކްޓޯބަރ 2003 ގައި
އަޙްމަދު ޒާހިރަށް ޕެންޝަން ދެއްވުމަށް ފަހު ސަރުކާރުގެ ވަޒީފާއިން ވަކިކުރެވުނެވެ

ނަމަވެސް އަޙްމަދު ޒާހިރަކީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ވަރަށް ތެދުވެރި ކަމާއި އިޚްލާސްތެރިކަމާއި އެކެ ޚިދުމަތްކޮށް ދެއްވާފައިވާ ޚިދުމަތްތެރިއަކަށް ވާތީ ޚާއްސަ ޢިނާޔަތެއްގެ ގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއް ޝަކޫރު ވަނީ 9 އޮކްޓޯބަރ 2003 ގައި އަލުން ކުންފުނީގެ ވަޒީފާ ދެއްވާ ފައެވެ. މިގޮތުން ހުޅުދޫ މީދޫ ޕަވަރހައުސް ގެ މެސެންޖަރ ގްރޭޑް4 ގެ ވަޒީފާއާއި ފޯރމަން ގްރޭޑް2 ގެ
ވަޒީފާ އަދާކޮށްފައިވެއެވެ. 11 މެއި 2007 ގައި އަޙްމަދު ޒާހިރު ނިޔާ ވަންދެން އުޅުނީ ސްޓެލްކޯ ހުޅުދު މީދޫ އިންޖީނުގޭގެ ވަޒީފާ ގައެވެ
އަޙްމަދު ޒާހިރު 20 އަހަރަށް ވުރެ ދިގުމުއްދަތަކަށް ސްޓެލްކޯގައި ވަޒީފާ އަދާކޮށްފައި ވާތީ ޚިދުމަތުގެ އަގު ވަޒަން ކޮށް ސްޓެލްކޯ އިން ވަނީ އެވޯޑް ދެއްވާފައެވެ. މީގެ އިތުރަށް ކުންފުނިން ބޯނަސް ލިބުނު މަދު ޢަދަދެއްގެ މުވައްޒަފުންގެ ތެރޭގައި ޢަހްމަދު ޒާހިރު ހިމެނުނުކަމީ ވަޒީފާ އަދާ ކުރެއްވުމުގައި އޭނާ ބެހެއްޓެވި ސަމާލުކަމުގެ ސަބަބުންކަން ޔަގީނެވެ

އަހްމަދު ޒާހިރު ނިޔާވިއިރު އަންބަކާއި އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ދުނިޔޭގައި ތިއްބެވިއެވެ. މަޝްހޫރު ޑޮކްޓަރ ޢަބްދުﷲ އަފީފު ( ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރ ) އަކީ އަޙްމަދު ޒާހިރުގެ ހުންނެވި ހަމައެކަނި ފިރިހެން ބޭފުޅާ އެވެ

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހްމަދު ޒާހިރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އެ

Tuesday, July 7, 2009

Mohamed Rafeeu


މުޙައްމަދު ރަފީޢު ( ދޭލިޔާ ވާދީ ) އުފަންވީ 10 އޯގަސްޓް 1950 ގައެވެ. ބައްޕައަކީ ހަސަން އެވެ. މަންމަ އަކީ އާމިނަތުއެވެ

މާލެގޮސް މުދިން ކަމުގެ ސަނަދު ނެގުމަށް ފަހު ފުރަތަމަ ވަޒީފާއެއްގެ ގޮތުން އަދާކޮށް ފައިވަނީ ރާވެރި މިސްކިތް
( މިހާރު މަސްޖިދު އިބްރާހީމް މަޖުދުއްދީން މިސްކިތް ހުރިތާގައި ޢިމާރާތް ކޮށަފައިވާ މިސްކިތެއް ) ގެ މުދިމެއްގެ ވަޒީފާއެވެ
ޢުމުރުގެ ބޮޑު ބައެއްގައި ވަޒީފާ އަދާކޮށްފައި ވަނީ މޯޑިވްސް އިލެކްޓްރިސިޓީ ބޯޑް ( އެމްއީބީ ) ގަޔާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގައެވެ. އެމްއީބީގެ ސ.ގަން ޕަވަރ ހައުސްގައި 1 ޑިސެމްބަރ 1985 ން
ފެށިގެން 31 ޑިސެމްބަރ 1977 އަށް ގްރީސަރ އެއްގެ ވަޒީފާގައި އުޅެފައި ވެއެވެ. ސ.ހުޅުދޫ މީދޫ އިންޖީނުގޭގެ
ޚިދުމަށް ފެށުމާއި ގުޅިގެން 1 ޖެނުއަރީ 1988 ން ފެށިގެން 26 އޭޕްރީލް 2009 ގައި މެޑްރާސްގެ އެޕޯލޯ ހޮސްޕިޓަލް ގައި ނިޔާ ވުމާއި ހަމައަށް މުޙައްމަދު ރަފީޢު ހުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ހުޅުދޫ މީދޫ އިންޖީނުގޭގެ ވަޒީފާ ގައެވެ. މިމުއްދަތުގައި އޭނާ އަދާކޮށް ފައިވާ ވަޒީފާ ތަކުގެ ތެރޭގައި އިންޖީން ޑްރައިވަރ ކަމާއި އިލެކްޓްރީޝަން ކަމާއި ޓެކްނީޝަން ކަމާއި ސީނިއަރ ޓެކްނީޝަން ކަން ހިމެނެއެވެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގައި މަސައްކަތް ކުރާތާ 20 އަހަރުވެފައިވާ މުވައްޒަފުންނަށް ދެއްވާ އެވޯޑް މުޙައްމަދު ރަފީޢުއަށް ލިބިފައިވެއެވެ

މުހައްމަދު ރަފީޢަކީ މީހުންނާ ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. ނިޔާވިއިރު އަންބަކާއި ދެ ފިރިހެން ދަރިންނާއި
ހަ އަންހެން ދަރިން ދުނިޔޭގައި ތިއްބެވިއެވެ

Monday, July 6, 2009

Mohamed Ali Didi

MOHAMED
ALI DIDI
މުހައްމަދު އަލި ދީދީ 



މުހައްމަދު އަލި ދީދީ ( ބަންޑާރަދަޑިގޭ މުޙައްމަދު ދީދީ ) އުފަންވީ 6 ޖުލައި 1920 ގައެވެ. ބައްޕައަކީ ހަސަންކާރިގެ ޢަލި ދީދީ އެވެ. މަންމައަކީ ދެށެނާގެ ތުއްތު މަނިކު ( ޙަސަން މަޖުދުއްދީން ) ގެ  ދޮންދީދީ އެވ



ދިރި އުޅުމަށް ޓަކައި މައިގަޑު މަސައްކަތެއްގެ ގޮތުން ކޮށްފައިވާ މަސައްކަތަކީ މަސްވެރި ކަމެވެ. މަސްވެރި ކަމުގެ ރޮގުން މުޙައްމަދު ދީދީ އަކީ މަޝްހޫރު މާކެޔޮޅެކެވެ. ތުނޑާގެ ދޯންޏާއި ވަށޮދިޔަގެ އިނާމް ދޯންޏާއި އުވަގޭ ދޯނި މީނާގެ މާކެޔޮޅު ކަމުގައި މަހަށް ފުރާފައިވެއެވެ. މަސްވެރިކަމުގެ އިތުރަށް މުޙައްމަދު ދީދީ އަކީ ދަނޑުވެރިއެއްވެސް މެއެވެ. ދަނޑުވެރިއެއްގެ ގޮތުން އޮޅުއަލަ، ޒުވާރި، ކުދިބަތް،ބިންބި، ކަރާ ހައްދާފައި ވެއެވެ. ދަނޑުވެރިކަމުގެ މަސައްކަތުގައި މީނާގެ އަނބިކަބަލުން އެދުރުގޭ ޢާއިޝަތު ދީދީގެ ވަރަށް ބޮޑު ހިއްސާ އެއް ހިމެނިފައިވެއެވެ                                                                                           ެ

ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރަށް 1940 އާއި 1950 ގެ އަހަރު ތަކުގައި ހިކި ކަނޑު މަހާއި ލޮނުމަސް އަދި ބޮޑި،އައުރުސް،ރިހާކުރު ފަދަ ތަކެތީގެ ވިޔަފާރީގައި ސިލޯނަށް ދަތުރުކޮށް ފައިވެއެވެ. އެދުވަސް ވަރު މަޝްހޫރު ކަޅިހާރި އޮޑި މާލެ އަށާއި ސިލޯނަށް ދަތުރުކޮށް ހެދީ މުޙައްމަދު ދީދީގެ ބައްޕަ ހަސަންކާރިގޭ ޢަލި ދީދީގެ ވެރިކަމުގައެވެ. އެހެން ކަމުން                                                                ި
ޢުމުރުން 12 އަހަރުގައި ބައްޕަ އާއި އެކު ސިލޯނަށް ދަތުރު ކުރަން ފެށިއެވެ. މިގޮތުން ޖުމްލަ އަށާރަ ފަހަރު ސިލޯނަށް ގޮސް ފައިވެއެވެ. އޮޑީގައި ސިލޯނަށް ދަތުރުކުރި ދުވަސްވަރު މުޙައްމަދު ދިދީ އަށް ދިމާވި އެންމެ ހިތާމަވެރި ޙާދިޘާ އަކީ ކަޅިހާރު އޮޑީގައި މާލެއިން ފުރައިގެން ގޮސް ހުވަދޫ ކަނޑު ތެރޭގައި އިންދާ މޫސުމް ގޯސް ވެގެން އޮޑި ބެހުމެވެ. އެއްވެސް ތަނެއްދޮރެއް ނުފެނި 25 ދުވަސް ފަހުން އޮޑި ކާރީވީ ސިލޯނާއެވެ. މިދަތުރު އޮޑި ބަނދަރު ކުރީ ގާލީ ބަނދަރުގައެވެ.                                                                                                                                      ެ
އޮޑި ފަހަރު ސިލޯނަށް ދަތުރު ކުރުން ހުއްޓުމާއި ގުޅިގެން ވިޔަފާރި ދަތުރު ތަކުގައި މާލެ ދަތުރުކޮށްފައިވަނީ ބޯޓް ފަހަރުގައެވެ. މުޙައްމަދު ދީދީ އަކީ ވެސް އެދުވަސް ވަރު ރަށުގައި ތިބި ތަނަވަސް ކަމުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.                                                                                                                                        

އިގިރޭސިން އައްޑު އަތޮޅު ގަމަށް އައުމާއި ގުޅިގެން މީދޫން ގަމަށް މަސައްކަތު ދިޔަ މީހުންގެ ހެޑްމޭން އެއްގެ މަގާމްގައި މުޙައްމަދު ދީދީ މަސައްކަތްކޮށް ފައިވެއެވެ.                                           ެ

މުޙައްމަދު ދީދީ އަކީ ވެސް މީދޫގެ ތަރަށްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބޭކަލެކެވެ. ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރު ތަކުގައި މީދޫގައި އެޅި ދިގު ފާލަން އެޅުމުގައި މުޙައްމަދު ދީދީގެ ހިއްސާ ވަރަށް ބޮޑެވެ.      


Thursday, July 2, 2009

Mohamed Thakhkhaan



މުޙައްމަދު ތައްޚާނު ( ވަށޮދިޔަގެ ބެއްޔާ) އުފަންވީ 11 ފެބްރުއަރީ 1920 ގައެވެ. ބައްޕައަކީ ވަށޮދިޔަގެމާލިމީގެ  ޢަބްދުލް ކަރީމެވެ.މަންމައަކީ އެޅެތޮށިގޭ އާމިނާ ފާނެވެ

ދިރިއުޅުމަށް ޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މީގެތެރޭ އަމިއްލަ ދޯނިފަހަރު މަހަށް ފުރުވުމާއި ނަވާރަ ސަތޭކަ ފަންސާހުގެ އަހަރު ތަކުގައި ހިކިމަހާއި ކޮޕްރާ ބޮޑި ހަލުވާ ފަދަ ތަކެތީގެ ވިޔަފާރި ދަތުރުތަކުގައި އޮޅުދޫ ކަރަ ( ސިލޯން، ސްރީލަންކާ ) އަށް އޮޑިފަހަރުގައި ދަތުރު ކުރިއެވެ. ގިނަ އަހަރު ތަކެއް ވަންދެން އިމްޕޯޓް މުދާ ވިއްކުމުގެ ވިޔަފާރި ހިންގާފައިވެއެވެ. އިމްޕޯޓް މުދާ މާލެއިން ގެނައުމުގެ އިތުރަށް ރެޑީމޭޑް ހެދުމާއި ޓެކްސްޓައިލް ސާމާން ސިންގަޕޫރުން އެތެރެކޮށް ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކަށް ވިއްކެވިއެވެ

މުޙައްމަދު ތައްޚާނަކީ ދޯނިފަހަރު މަހަށް ފުރުވުމުގެ އިތުރަށް އަމިއްލަ ދޯނިފަހަރުގައި މަހަށް ފުރާ ފައިވާ މޮޅު މާކެޔޮޅެކެވެ. ނަވާރަ ސަތޭކަ ބާހައްތަރި ވަނަ އަހަރު އައްޑު އަތޮޅުން އެންމެ ގިނަ މަސް ބޭނި ދޯންޏަކަށް އަތޮޅު ކޮމިޓީން ހުށަ ހެޅުއްވި މަސްދޯނި " އިނާމު ދޯނި " ލިބުނީ މުޙައްމަދު ތައްޚާނަށެވެ. މިދޯނި ކާމިޔާބުކުރުމުގައި މީނާގެ ކޮއްކޮ ހަސަން ތައްޚާނުގެ ހިއްސާ ވަރަށް ބޮޑެވެ

މުޙައްމަދު ތައްޚާނަކީ ރަށުގެ ތަރައްގީއަށް ޓަކައި ވަރަށް މުހިންމު ރޯލުތަކެއް އަދާކޮށްފައިވާ ޝަޚްސިއްޔަތެކެވެ.މީދޫގެ މަޝްހޫރު ދިގު ފާލަން އެޅުމުގައި މުޙައްމަދު ތައްޚާނުގެ ހިއްސާ ވަރަށް ބޮޑެވެ. މިދޫގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށް ދީފައިވަނީ މީނާއެވެ

މުޙައްމަދު ތައްޚާނަކީވެސް މީދޫ ރިކޯޑްފޮތުން ޖާގަ ހޯދުމުގެ ޝަރަފު ޙާސިލްކޮށްފައިވާ ބޭކަލެކެވެ.މިގޮތުން މީދޫ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަށް ފޯރުކޮށް ދިނުމަށް އެންމެ ފުރަތަމަ އިންޖީނެއް ގެނައުމާއި ވިޔަފާރި ދަތުރެއްގައި ސިންގަޕޫރަށް ދިޔަ މީދޫގެ ފުރަތަމަ ވިޔަފާރި ވެރިޔާގެ މަގާމް ޙާސިލް ކުރުމާ އިންޖީނުލީ މަސްދޯންޏެއް އެންމެ ފުރަތަމަ މީދުއަށް ގެނައުމުގެ ޝަރަފް ޙާސިލްކުރުން ހިމެނެއެވެ.

މުހައްމަދު ތައްޚާނުގެ ފުރަތަމަ އަންބަކީ އައްޓިއަރި އިބިރިހިމް މަނިކުފާނުގެ އާމިނަތު ދީދީ އެވެ. ދެވަނަ އަންބަކީ   ސ.މީދޫ ސިންދު މުހައްމަދު މަނިކުފާނުގެ މަރިޔަމް މަނިކުފާނު ( ބޮޑައްބީގެ މަރިޔަމް މަނިކުފާން) އެވެ. މުހައްމަދު ތައްޚާނުގެ ތިބީ ދެ އަންހެން ދަރިންނެވެ. އެއީ މަރިޔަމް މަނިކުފާނު ބަޑުން ލިބުނު ދަރިންނެވެ. ދެ ދަރިންވެސް މަސައްކަތް ކުރަނީ ތަޢުލީމީ ދާއިރާގައެވެ.

މުޙައްމަދު ތައްޚާނަކީ ހުރިހާ އުމުރެއްގެ މީހުނާއި ގުޅޭ ރީތި އަޚްލާގީ މިންގަޑެއް ގެންގުޅުއްވި ބޭކަލެކެވެ. ނިޔާވީ 11 ޖުލައި 2001 ގައެވެ.