Saturday, August 29, 2009

Khalid Mohamed

ޚާލިދު މުޙައްމަދު ( ހަޒާރީ ވިލާ ) އުފަންވީ 2 ނޮވެމްބަރ 1942 ގައެވެ. ބައްޕައަކީ މުޙައްމަދު މޫސާއެވެ.މަންމަ އަކީ ޢާއިޝަތު އެވެ.

ދިރި އުޅުމަށް ޓަކައި ކުރާ މަސައްކަތަކީ އިލެކްޓްރިކް މަސައްކަތެވެ. 15 އޭޕްރީލް 1965 ން 22 ޖެނުއަރީ ނަވާރަ ސަތޭކަ ހަތްދިހަ ހަޔަކަށް ހާރ ބްރިޓެނިކް މެޖެސްޓީސް ޕީއެސްއޭ/ޑީއޯއީ ރޯޔަލް އެއަރ ފޯރސް ގޭން ގެ އިލެކްޓްރީޝަންގެ ވަޒީފާ އަދާކުރިއެވެ 31 މާރޗް 1976 ގައި އިގިރޭސިން ގަމުން ފޭބުމަށް ހަމަޖެހިފައި ވާތީ ނޯޓިސްދީ 22 ޖެނުއަރީ 1976 ގައި ވަޒީފާ އިން ވަކިކުރެވުނެވެ


ޖޭ.އެސް.އެމް/އެސް.ޓީ.އޯ ( މޯލްޑިވްސް ) ލިމިޓެޑް ގެ ފަރާތުން އައްޑު އަތޮޅުގަމުގައި ހިންގި ގާރމެންޓް ފެކްޓްރީގެ އިލެކްޓްރިކަލް ސްޕަވައިޒަރުގެ މަޤާމް 8 ނޮވެމްބަރ 1981 ން 1 މެއި 1987 ށް އަދާކުރިއެވެ. ވުވެން ޑިވިޝަނާއި ނިޓިން ޑިވިޝަނުގެ އިލެކްޓްރިކާއި ބެހޭ އޯވަރޯލް އިންޗާޖަކީ ޚާލިދެވެ
ގާރމެންޓް ފެކްޓްރީގެ ވަޒީފާ އަށް ފަހު ޚާލިދު މަސައްކަތް ކުރީ ސ.ގަމުގެ އޯޝަން ރީފްގެ އިލެކްޓްރީޝަނެއްގެ ވަޒީފާއެވެ . އޯޝަން ރީފްގެ ވަޒީފާއިން ވަކިވީ ހުޅުދޫ މީދޫ އިންޖީނުގޭގެ ވަޒީފާ އަށް ވަނުމަށްޓަކައެވެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ސ.ހުޅުދޫ މީދޫ އިންޖީނުގޭގެ ވަޒީފާ އަދާ ކުރަން ފެށީ 1998 ގައެވެ
އިންޖީނުގޭގައި މަސައްކަތްކުރުމުގެ އިތުރަށް ގޯތިތެރޭގައި ތަރުކާރި ހެއްދުމާއި އޮޅު އަލަ އިންދުމުގެ މަސައްކަތް
ކުރަމުން ދެއެވެ. އަދި ޚާލިދަށް ވަގުތު ލިބޭ ވަރަކުން ހައުސް ވައިރިން ކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ

Thursday, August 27, 2009

Hasan Zahir

ޙަސަން ޒާހިރު އުފަންވީ 16 މެއި 1942 ގައެވެ. ބައްޕައަކީ އަނބުގަސްދޮށުގޭ އަޙްމަދު ދީދީ އެވެ. މަންމަ އަކީ އަލްގާޒީ އިބްރާހީމް މަޖުދުއްދީންގެ ޙަސަން މަޖުދުއްދީން ( ދެށެނާގެ ތުއްތު މަނިކު ) ގެ ޙައްވާ ދީދީ އެވެ
ތަޢުލީމް ޙާސިލްކުރީ މަދަރުސަތުލް ހިދާޔާ އާއި ސ.ހިތަދޫ ސާދާ އިންގްލިޝް ސްކޫލް ގައެވެ. މީގެ އިތުރަށް އެޅެހިށިގޭ ޢަބްދުލް މުހުސިން އާއި މުޙައްމަދު ތަޢުފީގު އާއި އިބިރިހިމް ތައްކާނުގެ މުޙައްމަދު ދީދީ އާއި މުޙައްމަދު ވަހީދުއްދީން އަރިހުން ތަޢުލީމް އުގެނުނެވެ

ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު ރޯޔަލް އެއަރ ފޯރސްގެ އޮފިސަރުންގެ ހައުސްކީޕިންގ ދާއިރާގެ ގެ މަސައްކަތެވެ. މިދާއިރާގައި ދުވަސްކޮޅަކު މަސައްކަތް ކުރުމަށް ފަހު ހަސަން ޒާހިރުގެ ޕްރޮފެޝަނާއި ގުޅޭ މަސައްކަތު ދާއިރާއަށް ބަދަލުވިއެވެ. ޕާކިސްތާނު ކޭމްޕް ( ގަމުގައި އިގިރޭސިން ތިބި ދުވަސްވަރު ޕާކިސްތާނު މީހުން ތިބި ބައި ) ގެ ޓެއިލަރަކަޝެވެ. 1976 ގައި ގަމުން އިގިރޭސިން ފޭބުމާއި ހަމައަށް ހަސަން ޒާހިރު މިވަޒީފާގައި ދެމިހުއްޓެވެ
އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން އައްޑުއަތޮޅަށް އައި އިގްތިސާދީ ހީނަރު ކަމާއި ގުޅިގެން އާމްދަނީ ހޯދުމަށް މާލެ ދިޔަ އައްޑުއަތޮޅު މީހުންގެ ތެރެއިން ޙަސަން ޒާހިރަކީވެސް އެކެކެވެ. މާލެ ގޮސް ފުރަތަމަ މަސައްކަތްކުރީ ޢަބްދުﷲ ޟާމިރު ކާރީ ޓެއިލަރެއްގެ ގޮތުގައެވެ. މިތަނުގައި ކުޑަދުވަސްކޮޅަކު މަސައްކަތް ކުރުމަށް ފަހު ގ.ބޮޑުގާދޮށުގޭގައި ހުރި
ފިހާރައެއް ކުއްޔަށް ހިފައިގެން އަމިއްލަ ފަހާތަނެއް ހުޅުވިއެވެ. މިތަނުގައި މަސައްކަތް ފެށީ ހަމުވައްޒަފުންނާ އެކުގައެވެ. މިއީ ރާއްޖެތެރޭގެ މީހަކު މަގަށް ދޮރު ކަޑާފައި ހުރި ފިހާރައެއްގައި ފަހާތަނެއް ހުޅުވި ފުރަތަމަ ފަހަރު ކަމަށްވާތީ މާލޭގައި އެންމެ ފުރަތަމަ ފަހާތަނެއް ހެދި ރާއްޖެތެރޭގެ މީހަކީ ޙަސަން ޒާހިރުކަމަށް ކުރީގައި ފަހަމުން އައި މަޝްހޫރު ފަހާމީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. ބޮޑުގާދޮށުގޭގެ ފިހާރައިގާ ގާތްގަޑަކަށް 2 އަހަރު ފެހުމުގެ މަސައްކަތް ހިންގުމަށް ފަހު މ.ގްލޯރީގޭގެ ފިހާރައަށް ފެހުމުގެ މަސައްކަތް ބަދަލުކުރިއެވެ. މިފިހާރައިގާ ފެހުމުގެ މަސައްކަތް ކުރަމުން ދިޔައިރު ގްލޯރިއާމާރިސްގެ ނަމުގައި ސައިހޮޓަލެއްވެސް ޙަސަން ޒާހިރު ހިންގާފައިވެއެވެ. ޙަސަން ޒާހިރު މާލޭގައި ކުރަމުން އައި ވިޔަފާރި ހުއްޓާލަން ޖެހުނީ މާލޭގައި ތިބޭ ރާއްޖެތެރޭގެ މީހުން މާލޭގެ ގޭގައި ރަޖިސްޓްރީކޮށް ގެން ނޫނީ މާލޭގައި ނުތިބެވޭނެ ގޮތަށް މުނިސިޕަލްޓީ އިން ހަމަޖެއްސުމާއި ގުޅިގެން އެކަމުގެ ތަކުލީފްގައެވެ
މީގެ ފަހުން ޓެއިލަރެއްގެ ގޮތުގައި ބަނޑޮސް އައިލޭންޑް ރިސޯރޓާއި އަތުރުގާ ރިސޯރޓާއި ވެލިގަޑު ހުރާ ރިސޯރޓްގައި މަސައްކަތް ކޮށްފައި ވެއެވެ. މިހާރު މަސައްކަތްކުރަމުން ދަނީ މަކުނުދޫ ރިސޯރޓްގެ ޓެއިލަރެއްގެ ގޮތުގައެވެ
މީދޫގެ ރިކޯޑް ފޮތަށް ޙަސަން ޒާހިރުވެސް ބޮޅެއް އިތުރުކޮށްފައި ވެއެވެ. އާދެ! ވިޔަފާރި އުސޫލުން މީދޫގައި އެންމެ ފުރަތަމަ ސައިހޮޓަލެއް ހިންގިމީހަކީ ޙަސަން ޒާހިރެވެ. ސައި ހޮޓަލުގެ އިތުރަށް އިމްޕޯރޓް މުދަލުގެ ވިޔަފާރިވެސް ކޮށްފައިވެއެވެޙަސަންޒާހިރަކީ މީހުންނާއި ގުޅޭ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ

Sunday, August 23, 2009

Dr.Sheema Saeed


ޑޮކްޓަރ ޝީމާ ސަޢީދު އުފަންވީ 16 މެއި 1967 ގައެވެ. ބައްޕައަކީ ސ.މީދޫ ބްލޫމިންގ ސަޢީދު އިބްރާހީމް ދީދީ އެވެ. މަންމަ އަކީ ސ.މީދޫ އަސްރުމާގެ ފާތުމަތު ނަޖީބު އެވެ
އިބްތިދާއީ ތަޢުލީމްގެ ބައެއް މަކްތަބުލް އަސްރިއްޔާގައި ފުރިހަމަ ކުރެއްވިއެވެ. ގުރުއާނާއި ޙަދީޘް ކިޔެވީ މާފަ މުޙައްމަދު ނަޖީބު އަރިހުންނެވެ. ޢިލްމް އުގެނުމުގެ މުހިންމުކަން ޝީމާގެ ސަމާލުކަމަށް
ގެންނެވީ މުޙައްމަދު ނަޖީބެވެ. އާދެ! މާތް ރަސޫލާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘުންނެވެ. " ސީނުކަރައިން ވިޔަސް ޢިލްމް އުގެނޭށެވެ
މަކްތަބުލް އަސްރިއްޔާގެ ގްރޭޑް 4 ނިންމުމަށް ފަހު ޢުމުރުން 11 އަހަރުގައި މާލެ ފުރީ ތަޢުލީމީ ރޮގުން މަތީ ހަރުފަތް ތަކެއް ގިރާކުރުމުގެ ފޮނި އުއްމީދުގައެވެ

އީޕީއެސް އިން އިބްތިދާއީ ތަޢިލީމް ހާސިލް ކުރުމަށް ފަހު ޘާނަވީ ތަޢުލީމް ޙާސިލް ކުރީ އަމީނިއްޔާ
ސްކޫލުންނެވެ. މަތީ ޘާނަވީ ތަޢުލީމް ނިންމެވީ ސައިންސް އެޑިޔުކޭޝަން ސެންޓަރުންނެވެ

މަތީ ތަޢުލީމް ޙާސިލް ކުރުމަށްޓަކައި އެންމެ ފުރަތަމަ ދިޔައީ އިގިރޭސިވިލާތަށެވެ. އިގިރޭސި ވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވާރސިޓީ އިން ބެޗްލަރ އޮފް އެޑިޔުކޭޝަން ޙާސިލް ކުރިއެވެ.މާސްޓަރ ޑިގްރީ އިން ސައިންސް އެޑިޔުކޭޝަން ފުރިހަމަ ކުރީ ނިވްޒީލޭންޑްގެ ޔުނިވާރސިޓީ އޮފް ވައިކަޓޯ އިންނެވެ

ޝީމާގެ ކިޔެވުމުގެ ދައުރު ނިމުނީ އޭނާ އުއްމީދު ކުރި ފަދައިން ތަޢުލީމުގެ އެންމެ މަތީ ހަރުފަތް ގިރާ ކުރުމަށް ފަހުއެވެ. އާދެ! ކެނެޑާގެ ޔުނިވާރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ އިން ޕީއެޗްޑީ
( ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން ) ޙާސިލު ކުރުމަށްފަހުގައެވެ

ތަޢުލީމީ ދައުރު ނިންމުމަށްފަހު ޑޮކްޓަރ ޝީމާ ވަނީ ރަށަށާއި އަތޮޅަށާއި ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައެވެ. މިގޮތުން އައްޑުއަތޮޅު ހިތަދޫގައި ހުންނަ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ކަރިކިއުލަމް ހަރުދަނާ ކުރުމުގެ މަސައްކަތާއި ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކޮށްފައި ވެއެވެ

ޑޮކްޓަރ ޝީމާ އަދާކުރި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ކަމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ލެކްޗަރަރ ކަމާއި ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ކަމާއި އެސްއީސީގެ ޓީޗަރކަން ހިމެނެއެވެ

އަންހެނުންގެ ތަރަށްޤީއަށް ކުރާނެ ކަންކަމާއި ބެހޭ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ގިނަގުނަ އިރުޝާދު ތަކެއް ދީފައި ވެއެވެ. އަންހެނުންނާއި ކުދީންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްދީފައިވެއެވެ. އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ގުޅިގެން ގޭގައި ގެންގުޅޭ ކަރަންޓްއާލާތްތައް ބޭނުން ކުރާނެ ގޮތާއި މައްސަލަޖެހުމުން ހައްލުކުރާނެ ގޮތުގެ ކްރަޝް ކޯހެއް ހިންގާފައިވެއެވެ

2008 ވަނައަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ޝީމާ ވަޒީފާ އަދާކުރަމުން އަންނަނީ އިގިރޭސިވިލާތުގެ ޔުނިވާރސިޓީ އޮފް ލެސްޓަރގެ ސްކޫލް އޮފް އެޑިޔުކޭޝަންގެ ލެކްޗަރާރ
އެއްގެ ގޮތުގައެވެ. މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތުގެ އިތުރަށް އޮންލައިން ރިސާރޗް ހަދާ ލިޔެ ޝާޢިއު ކުރުމަކީ ޝީމާ ކުރާހިތުން ކުރާ މަސައްކަތެކެވެ. އޮންލައިން އެޑިއުކޭޝަނާއި އީލާރނިންގ ގެ ރޮގުން އަތޮޅަށާއި ރާއްޖެއަށް ތަޢުލީމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝީމާ އުއްމީދު ކުރެއެވެ

މީދޫއަށް އުފަން މިފަދަ ދަރިންނަށްޓަކައި މީދޫ ފަޚްރުވެރި ވެއެވެ